އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަކީ އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ޖަމާއަތް މަނާކުރުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ފަށައިފި އެވެ.
މި ބަދަލު ގެންނަނީ އަލަށް އެކުލަވާލާ ގާނޫނެއްގެ ދަށުންނެވެ. ބޮޑުވަޒީރު ކިއަރު ސްޓާމާގެ ސަރުކާރުން އިއްޔެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި މި ގަވާއިދުތަކުގެ ދަށުން، ޖާސޫސްކުރުމާއި ގެއްލުންދިނުމާއި ބޭރުގެ ނުފޫޒު ފޯރުވުމާއި ޖިސްމާނީ ހަމަލާތައް ފަދަ، ބޭރު ގައުމުތަކުގެ އެހީގައި ހިންގާ ހަރަކާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރެވޭނެ އެވެ.
ސްޓާމާ ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކާ އެކު އިނގިރޭސިވިލާތުގައި މިފަދަ ޖަމާއަތްތަކުގެ ނަމުގައި ނުބައި މަސައްކަތްތައް ކުރާ ކޮންމެ މީހަކަށް ދައުވާކޮށް ޖަލަށްލުން ފަސޭހަވެގެންދާނެ އެވެ.
"އީރާނާއި ރަޝިއާއިން ދަނީ އަހަރެމެންގެ ގައުމުގައި އެ މީހުންގެ ނުބައި މަސައްކަތްތައް ކުރުމަށްޓަކައި އެ މީހުންގެ ބާރުގެ ދަށުން ހަރަކާތްތެރިވާ ގްރޫޕުތައް ބޭނުންކުރަމުން،" ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދު ވިދާޅުވި އެވެ. "އަޅުގަނޑު މިވަނީ އަވަސް ފިޔަވަޅެއްގެ ގޮތުން ތިން ޖަމާއަތެއް މަނާކޮށްފައި. އެހެންކަމުން އެ ޖަމާއަތްތަކަށް މަސައްކަތްކޮށްދޭ މީހުން ހޯދައި ހައްޔަރުކުރެވޭނެ."
އައިއާރުޖީސީގެ އިތުރުން، ދައުލަތަށް ހުރި ނުރައްކާތައް ހުއްޓުވުމުގެ އާ އުސޫލުގެ ދަށުން މަނާކޮށްފައި ވަނީ، އިނގިރޭސިވިލާތުގައި ޔަހޫދީ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލާފައިވާ، އީރާނުގެ އެހީތެރިކަން ލިބޭ އިސްލާމިކް މޫވްމަންޓް އޮފް ކޮމްޕޭނިއަންސް އޮފް ދަ ރައިޓް (އައިއެމްސީއާރު) އާއި ރަޝިޔާގެ ޖީއާރުޔޫ ވޮލަންޓިއާ ކޯޕްސް އެވެ.
ގާނޫނު ފާސްވެއްޖެ ނަމަ، އައިއާރުޖީސީއަށް ދައުވަތު ދިނުމާއި، އެ ޖަމާއަތަށް ތާއީދު ހާމަކުރުމާއި، އިނގިރޭސިވިލާތާ ގުޅުންހުރި އެ ޖަމާއަތުގެ ހަރަކާތްތަކަށް އެހީތެރިވުމާއި، އެ ޖަމާއަތުގެ ފަރާތުން މާއްދީ އެހީތެރިކަމެއް ހޯދުމަކީ ޖިނާއީ ކުށަކަށް ވާނެ އެވެ. މީގެ އިތުރުން، މި ޖަމާއަތްތަކުގެ ފަރާތުން ގެއްލުންދިނުން ފަދަ އަމަލެއް ހިންގާ މީހަކަށް އުމުރަށް ޖަލަށްލުމުގެ އަދަބު ވެސް ލިބިދާނެ އެވެ.
ސްޓާމާގެ ސަރުކާރުން މި ފިޔަވަޅު އަޅާފައި ވަނީ މި އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގައި ޔަހޫދީންނާ ދެކޮޅަށް ދެވުނު ސިލްސިލާ ހަމަލާތަކަކާ ގުޅިގެންނެވެ. މި ގާނޫނު މަޖިލީހުން ފާސްވެއްޖެ ނަމަ، މި ހަފުތާގެ ފަހުކޮޅު އަމަލުކުރަން ފެށޭނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ