ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިއްޖެ

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިއްޖެ

Author
އަހުމަދު
13 ޖުލައި 2026 10:11
0

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %8.2 ގެ ކުރިއެރުމެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ޖޫން މަހުގެ އާމްދަނީ ރިޕޯޓު ދައްކާގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު މި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ. ޑޮލަރުގެ އަދަދުތަކަށް ބަލާއިރުވެސް ކުރިއެރުމެއް ފެންނަން އެބައޮތެވެ. މިއަހަރުގެ ފުރަތަމަ ހަ މަހު 79 މިލިޔަން ޑޮލަރު ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 73 މިލިޔަން ޑޮލަރެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަން ފެށި މި ޓެކުހަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މިގޮތުން ރިސޯޓުތަކާއި ސަފާރީތަކާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ރެއަކަށް 12 ޑޮލަރު، އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން 6 ޑޮލަރު ނެގޭއިރު، އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ސަރުކާރުން ޚަރަދު ކުރަމުންދަނީ، ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓު ފަދަ ތިމާވެއްޓާ ގުޅުންހުރި މުހިންމު މަޝްރޫޢުތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.