މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް ރައީސް ހާއްސަ އޮފީހެއް އުފައްދަވައިފި

މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް ރައީސް ހާއްސަ އޮފީހެއް އުފައްދަވައިފި

Author
އަހުމަދު
12 ޖުލައި 2026 08:43
0

މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ހައްލެއް ގެނައުމުގެ ގޮތުން، "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި ހާއްސަ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް މުއިއްޒު އުފައްދަވާފައިވާ މި އޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުންނެވެ. އަދި މި އިދާރާ ހިންގަމުންދާނީ ގަވާނިން ބޯޑެއްގެ ލަފަޔާ އެއްގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެކަމަށް އަވަސް ޙައްލެއް ހޯދުމުގެ މަގްސަދުގައި މި އޮފީސް އުފައްދަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތައް ފަދަ އެހެނިހެން ޒަމާނީ ހައްލުތައް ހޯދުމުގައި މި އޮފީހުން އިސްދައުރެއް އަދާކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމާއި، މި ދާއިރާއިން އެކުލަވައިލަންޖެހޭ ސިޔާސަތުތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން ހިމެނެއެވެ. އަދި ޒަމާނީ ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި މި އިދާރާ އިސްދައުރެއް އަދާކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.