ވޯލްޑް ކަޕް 2026: އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ފޯވާޑް ޓެޓޭ ޔެންގީ އިސްލާމްވި ގޮތް ކިޔައިދީފި

ވޯލްޑް ކަޕް 2026: އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ފޯވާޑް ޓެޓޭ ޔެންގީ އިސްލާމްވި ގޮތް ކިޔައިދީފި

Author
އަހުމަދު
05 ޖުލައި 2026 07:57
0

އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް ޓެޓޭ ޔެންގީ އިސްލާމްދީން ގަބޫލުކޮށް، އެ މަތިވެރި ނިންމުން ނިންމި ގޮތުގެ ޝައުގުވެރި ވާހަކަތައް އާންމުންނާ ހިއްސާކޮށްފިއެވެ.

މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޔެންގީ މި ވާހަކަތައް ކިޔައިދިނީ ކިއުއެލްބީ ސްޓޫޑިއޯސް އަދި ނުޖޫމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނި ގޮތުގައި އިސްލާމްދީން ގަބޫލުކުރުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުރަމުން އައި ރޫހާނީ ހޯދުންތަކެއްގެ ފޮނި ނަތީޖާއެވެ. ޔެންގީ އިސްލާމްދީން ގަބޫލުކުރީ ޗުއްޓީއެއްގައި އޭނާގެ އުފަން ރަށް ކަމަށްވާ އެޑިލެއިޑްގައި ހުރެ، ހުކުރު ނަމާދަށް މިސްކިތަށް ދިޔަ ދުވަހަކު ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކާ ދިމާވުމުންނެވެ.

މުފްތީ މެންކާ ބައްދަލުވި ވަގުތު ހިނގައިދިޔަ ކަންތައްތައް ހިއްސާކުރަމުން ޔެންގީ ކިޔައިދިނީ، މުފްތީ މެންކާއާ އަތްޖޯޑުކޮށް ސަލާމްކޮށްލުމާއެކު ޝަހާދަތް ކިޔައިފިންތޯ އެއްސެވި ކަމަށެވެ. އަދި ނުކިޔާ ކަމަށް ބުނުމުން، މިހާރު ކިޔަން ބޭނުންތޯ އެއްސެވި ކަމަށާއި، އެވަގުތު ނޫނެކޭ ބުނާނެ ޖާގައެއް ނެތުމުން ހަމަ އެތަނުގައި ހުރެ ޝަހާދަތް ކިޔައި އިސްލާމްވީ ކަމަށެވެ. މިއީ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި މިސްރާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅެން އޮތް މެޗުގެ ކުރިން އާންމުކުރި އިންޓަވިއުއެކެވެ. ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިޔާގެ މި ނިންމުމާއެކު، މުޅި އިސްލާމީ އުއްމަތުގެ ގިނަ ބައެއްގެ ލޯތްބާއި ސަމާލުކަން އޭނާއަށް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.