ފީފާ ވޯލްޑްކަޕް 2026 ގެ ގަދަ 16 ގައި މުބާރާތުގެ ކޯ-ހޯސްޓް ކެނެޑާ 3-0 އިން ބަލިކޮށް، މޮރޮކޯ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާއިން މޮޅު ކުޅުމެއް ދައްކައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު މުހިންމު ސޭވްތަކެއް ކޮށްފައެވެ. މި ހާފުގައި މޮރޮކޯގެ މުހިންމު ކުޅުންތެރިޔާ އިސްމާއީލް ސައިބާރީއަށް އަނިޔާވެގެން ބާލަންޖެހުމުން އެ ޓީމަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ކުރިމަތިވިއެވެ. ނަމަވެސް 0-0 ގެ ނަތީޖާއަކުން ފުރަތަމަ ހާފު ނިންމާލުމަށްފަހު، ދެވަނަ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު، ވަރުގަދަ މޮރޮކޯއެކެވެ.
ދެވަނަ ހާފު ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރީތި ފްރީކިކް ރޫޓިންއަކުން ޒުވާން މިޑްފީލްޑަރު އިއްޒުދީން އޮނާހީ ވަނީ މޮރޮކޯއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓަށްފަހު ކައުންޓާ އެޓޭކުގައި އޮނާހީ އިތުރު ލަނޑެއް ޖެހިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސައިބާރީގެ ބަދަލުގައި ކުޅެން އެރި ރަހީމީއެވެ. ފަހުން ޖެހި ދެ ލަނޑު އުފެއްދުމުގައި ރިއާލް މެޑްރިޑަށް ކުޅޭ ބްރާހިމް ޑިއޭޒްގެ ދައުރު ވަރަށް ބޮޑެވެ.
މި މޮޅާއެކު މޮރޮކޯ ވެފައިވަނީ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދެ ފަހަރު ދަތުރުކުރި އެފްރިކާ ބައްރުގެ ފުރަތަމަ ގައުމަށެވެ. މީގެ ކުރިން 2022 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތުގައި އެ ޓީމު ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯ ނުކުންނާނީ ފްރާންސް އާއި ޕެރަގުއޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ