މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 އިން އާޖެންޓީނާ ޖާގަ ކަށަވަރުކޮށްފައިވާއިރު، މުބާރާތުން ކަޓާފައިވާ އުރުދުންއާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ފަށާނީ ބެންޗުން ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ހާމަކޮށްފިއެވެ.
މި ހަފުތާގައި އުމުރުން 39 އަހަރު ފުރުނު މެސީ ވަނީ މި މުބާރާތުގައި އާޖެންޓީނާއިން މިހާތަނަށް ކާމިޔާބުކުރި ފަސް ލަނޑުވެސް ޖަހައިދީފައެވެ. ރަން ބޫޓުގެ ރޭހުގައިވެސް ކުރީގައި އުޅޭ މެސީއަށް މި މެޗުގައި އަރާމުކުރަން ފުރުސަތު ދިން ނަމަވެސް، މެޗުގެ ފަހުކޮޅު އޭނާ ކުޅެން އަރާނެކަމަށް ސްކަލޯނީ ވަނީ ބުނެފައެވެ. މިއީ ދެވަނަ ބުރުގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ވިސްނައިގެން ނިންމި ނިންމުމެއް ނޫންކަންވެސް ކޯޗު ފާހަގަކުރިއެވެ.
ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ފުރަތަމަ އެގާރައިގައި ނުހިމެނުނު ކަމުގައިވިޔަސް، އެހެން ކުޅުންތެރިން ޒިންމާ ނަގައިގެން މޮޅު ކުޅުމެއް ދައްކާނެކަމަށް ސްކަލޯނީ ޔަގީންކުރެއެވެ. މެޗުން ލިބޭ ޕޮއިންޓް މުހިންމު ނުވިނަމަވެސް، އާޖެންޓީނާގެ އަމާޒަކީ މެޗު ކޮންޓްރޯލްކޮށްގެން މޮޅުވުން ކަމަށާއި އުރުދުންއަކީ ފަސޭހަކޮށްލެވޭނެ ޓީމެއް ނޫންކަމަށް އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގައި ޖެހިޖެހިގެން އަށް މެޗުން ބަލިނުވެ އާޖެންޓީނާ އޮތްއިރު، މިއީ 1986 ވަނަ އަހަރު ކާލޮސް ބިލާޑޯގެ އިރުޝާދުގެ ދަށުން ހެދި ރެކޯޑަށްފަހު އެ ގައުމުން މިހާ ދިގު މުއްދަތަކަށް ބަލިނުވެ ހިފަހައްޓާލި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ދުނިޔޭގެ ރޭންކިންގެ 68 ވަނައިގައި އޮތް އުރުދުން ނުކުންނާނީ ވޯލްޑް ކަޕްގެ ތާރީޚުގައި ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރާ އެންމެ ރޭންކިން ދަށް ޓީމުގެ ޝަރަފު ހޯދުމުގެ އަމާޒުގައެވެ.
ކޮމެންޓު ފޮނުވާ