ރެއާލް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ބިލްބާއޯ އަށް

ރެއާލް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ބިލްބާއޯ އަށް

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2021 10:43
0

ސްޕެނިޝް ސުޕަ ކަޕްގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށް އެތުލެޓިކް ބިލްބާއޯ އިން ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.

މެޗު ފަށައިގެން ރެއާލްގެ ފަރާތުން ނިސްބަތުން ބަލާއިރު ދެއްކުނީ ދަށް ކުޅުމެކެވެ. މެޗުގެ 18 ވަނަ މިނިޓްގައި ބިލްބާއޯގެ ރައުލް ގާސިއާ އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ނަތީޖާ ހަމަހަަމަކުރަން ރެއާލުން އެޓޭކްކުރަމުން ދަނިކޮށް ބިލްބާއޯ އިން ވަނީ މެޗުގެ 38 ވަނަ މިނިޓްގައި ގާސިއާ ވައްދާލި ޕެނަލްޓީން ލީޑުފުޅާކޮށްފަ އެވެ. ރެއާލުން ދެ ވަނަ ހާފުގައި ނުކުމެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ.

އެޑެން ހަޒާޑް އާއި މާކޯ އަސެންސިއޯ ގުޅިގެން އެޓޭކްތަކެއް ކުރި ނަމަވެސް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ. ލަނޑެއް ޖަހަން ރެއާލުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި މި ގޯލު ޖެހީ ކަރިމް ބެންޒެމާ އެވެ. އޮފްސައިޑް ކަަމަށް ފުރަތަމަ ބެލި ނަމަވެސް ބެންޒެމާގެ މި ގޯލު ފަހުން ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ. ފަހުން ބެންޒެމާ ޖެހި އިތުރު ގޯލެއް ވަނީ އޮފްސައިޑްވުމުން ބަލައިނުގަންނަން ނިންމައިފަ އެވެ. ފަހު ވަގުތާ ޖެހެންދެން ރެއާލުން އިތުރު ގޯލެއް ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އިތުރު ވަގުތުގެ ފަހު މިނިޓްގައި ފާލަންޑް މެންޑީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އާ ފޯމެޓާ އެކު މިދިޔަ އަހަރުގެ ކުރީކޮޅުގައި ސްޕެނިޝް ސުޕަ ކަޕް ބޭއްވީ ބޮޑު ސްޕޮންސަޝިޕްގެ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ އަރަބިއްޔާގަ އެވެ. އެ ފަހަރު ރެއާލުން ތަށި އުފުލާލީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. މި ފަހަރު ސުޕަ ކަޕް އަލުން ސްޕެއިންގައި ބާއްވަން ނިންމީ ކޯވިޑް-19ގެ ސަބަބުން ދަތުރު ފަތުރުކޮށްގެން ކުޅުން މި ވަގުތު ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނާތީ އެވެ.

އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބިލްބާއޯ ކުޅޭނީ ބާސެލޯނާއާ ދެކޮޅަށެވެ. ބާސެލޯނާ ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި ރެއާލް ސޮސިއެޑާޑް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.