ވޯލްޑް ކަޕް 2026 ގައި ރޭ ގާނާއާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، އިންގްލެންޑުގެ ކޯޗު ތޯމަސް ޓުކެލް ބުނީ ސަޕޯޓަރުން މާޔޫސްވާން ނުޖެހޭނެ ކަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ބަލިކުރުމަށްފަހު، ރޭގެ މެޗަށް ނުކުތް އިންގްލެންޑުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން ރަނގަޅު ކުޅުމެއް ދައްކާފައެވެ. މުޅި މެޗުގައި 600 އާ ގާތްކުރާ އަދަދަކަށް ޕާސްކޮށް، 79 އިންސައްތަ ބޯލް ޕޮސެޝަން ހިފެހެއްޓީވެސް އިނގިރޭސިންނެވެ. އެޓީމުން 19 ހަމަލާއެއް އުފެއްދިއިރު، އޭގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާއަކަށް ފެނުނީ ދެވަނަ ހާފުގައި އެލިއޮޓް އެންޑަސަން ބޮލުން ފޮނުވާލި ބޯޅައެވެ. ނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން މެޗުގެ ފަހު ވަގުތުކޮޅު ތެރޭގައި ލިބުނު ރަނުގެ ފުރުސަތެއްވެސް ވަނީ ގޯލުގެ ރޮނގުމަތިން ދިފާއުކޮށްފައެވެ.
މި ނަތީޖާއާއެކު ގްރޫޕް އެލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އަދިވެސް އޮތީ އިންގްލެންޑެވެ. ދެވަނައިގައި އޮތް ގާނާއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގަދަ 32 ގެ ޖާގައެއް ކަށަވަރުކުރުމަށް އިންގްލެންޑަށް ދެން އޮތީ ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗެވެ. ކްރޮއޭޝިއާ އަތުން ބަލިވެ މުބާރާތުން ކަޓާފައިވާ ޕެނަމާ އަތުން އެންމެ ޕޮއިންޓެއް ހޯދައިގެންވެސް އިންގްލެންޑަށް ނޮކްއައުޓް ބުރަށް ދަތުރުކުރެވޭނެއެވެ. 60 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ވޯލްޑް ކަޕް ތަށި އުފުލާލުމުގެ ހުވަފެން ހަގީގަތަކަށް ހަދަން، އިނގިރޭސި ޓީމަށް ދެން ބޭނުންވަނީ ބާކީ އޮތް ހަ މެޗުން މޮޅުވުމެވެ.
ކޮމެންޓު ފޮނުވާ