ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހުޅުވާލި ފުރުސަތުގެ މުއްދަތު މި މަހުގެ 15 އަށް ހަމަވިއިރު، ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. މިއީ ސަރުކާރަކުން މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް މިހާ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފުރަތަމަ ފަހަރެވެ.
މިނިސްޓްރީން މިހާރު ކުރިއަށްގެންދާ މަރުހަލާގައި، ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތާއި ލިޔެކިޔުންތަކަކީ ސައްހަ އެއްޗެއްތޯ ދައުލަތުގެ އެހެން އިދާރާތަކުގެ ރެކޯޑުތަކާ އަޅާކިޔައިގެން ކަށަވަރުކުރާނެއެވެ. ޚާއްސަކޮށް މާލޭގައި އުޅެފައިވާ މުއްދަތު ހަމަކުރުމަށް ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ ސައްހަކަން ބަލާނެއެވެ. މިފަހަރު ފޯމުލުމަށް ބޭނުންކުރި ޕޯޓަލް ފަރުމާކޮށްފައިވަނީ ފޯމު ހުށަހަޅާއިރު ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން ވަގުތުން އެނގޭ ގޮތަށެވެ. އަދި ފޯމު ސަބްމިޓް ކުރުމާއެކު ލިބޭ ޕޮއިންޓުގެ ތަފްސީލުވެސް ވަގުތުން ފެންނަން ހުރެއެވެ.
މި މަޝްރޫއުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފްލެޓްތައް ބަހާލާފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް އަދި ޚާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ލިބޭ ގޮތަށެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި ދައުރުގެ ބާކީ އޮތް ދެ އަހަރު ތެރޭގައި ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރުމަށެވެ. މީގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަލަށް ހިއްކާ ރަސްމާލެއިންވެސް ފުރަތަމަ ބުރުގައި 15،000 ގޯތި ދޫކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ