އިނގިރޭސިވިލާތުގެ ލަންޑަން ކައިރީގައި ދެ ރޭލެއް މުޑިއަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 80 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 5:15 ހާއިރު، ލަންޑަނާ 90 ކިލޯމީޓަރު ދުރުގައި އޮންނަ ބެޑްފޯޑް ސަރަހައްދުގައެވެ. މިއީ ކޯބީންނާއި ނޮޓިންގްހަމްއިން ފުރައިގެން ލަންޑަންގެ ސެއިންޓް ޕެންކްރަސް ސްޓޭޝަނަށް ދަތުރުކުރަމުންދިޔަ ދެ ރޭލެއް ޖެހިގެން ހިނގި ހާދިސާއެކެވެ. މަރުވި މީހުންގެ ތެރޭގައި އެއް ރޭލުގެ ޑްރައިވަރުވެސް ހިމެނޭކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި އެކްސިޑެންޓާ ގުޅިގެން އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ. އީސްޓް އޮފް އިންގްލޭންޑް އެމްބިއުލާންސް ސާވިސްއިން ބުނި ގޮތުގައި މަރުވި މީހުންގެ އިތުރުން 11 މީހަކަށް ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އަދި އިތުރު 22 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، 56 މީހަކަށް ކުދިކުދި އަނިޔާތައް ލިބިގެން ދަނީ ފަރުވާދެމުންނެވެ.
ހާދިސާ ހިނގި ވަގުތު ރޭލުގައި އިން ފަސިންޖަރަކު މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، އެއްވެސް އިންޒާރަކާ ނުލައި ކުއްލިއަކަށް ރޭލުތައް މުޑިއެރުމާއެކު މުޅި ތަނަށް ދުންގަނޑު ފެތުރި، މީހުންގެ ތެރޭގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. އަދި ބައެއް މީހުންގެ ފައި ބިނދި، ވަރަށް ބޮޑަށް ލޭ އޮހޮރެމުންދިޔަ މަންޒަރު ފެނުނު ކަމަށްވެސް އޭނާ ކިޔައިދިނެވެ.
މި އެކްސިޑެންޓާ ގުޅިގެން ރޭލު އޮޕަރޭޓްކުރާ އީސްޓް މިޑްލޭންޑްސް ރެއިލްވޭއިން ވަނީ ސެއިންޓް ޕެންކްރަސްއަށް ކުރަން ހަމަޖެހިފައިވާ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން ކެންސަލްކޮށްފައެވެ.
ކޮމެންޓު ފޮނުވާ