ތިން މާއްދާއެއް ކިޔަވައިދޭ ވަގުތު އިތުރުކޮށް، މުގައްރަރަށް ބަދަލުތަކެއް ގެންނަނީ

ތިން މާއްދާއެއް ކިޔަވައިދޭ ވަގުތު އިތުރުކޮށް، މުގައްރަރަށް ބަދަލުތަކެއް ގެންނަނީ

Author
އަހުމަދު
19 ޖޫން 2026 04:32
0

ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް ދިވެއްސާއި އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މުގައްރަރަށް ޒަމާނާ ގުޅޭގޮތުންނާއި ދަރިވަރުންގެ ނަތީޖާއަށް ބަލައި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މުގައްރަރުގެ ބައިތައް ތަރުތީބުކޮށް އަލުން މުރާޖައާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މި ގެނެވޭ ބަދަލުތަކުގެ ތެރެއިން، މައިގަނޑު ތިން މާއްދާ ކަމަށްވާ ދިވެހި، އިސްލާމް އަދި ހިސާބު ކިޔަވައިދޭ ވަގުތު މިހާރަށްވުރެ އިތުރުކުރެވޭނެއެވެ. އަދި އޭގެ އިތުރުން އެކި ބަސްބަސް ދަސްކުރުމަށް ހޭދަކުރާ ވަގުތުވެސް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމާޒަކީ އަންނަ ދިރާސީ އަހަރު ފެށޭއިރު، ކީ ސްޓޭޖް އެކެއް (ގްރޭޑް 1، 2 އަދި 3) އަށް މި ބަދަލުތައް ތައާރަފުކުރުމެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޓެކްނޮލޮޖީއާއި އޭއައި ފަދަ ވަސީލަތްތަކުގެ ސަބަބުން ކުދިންގެ ވިސްނުމަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި، ގެއަކީ ކުއްޖާގެ ފުރަތަމަ މަދަރުސާ ކަމަށް ވާތީ، ރިވެތި އަހުލާގާއި ކެތްތެރިކަން ކުދިންނަށް ދަސްކޮށްދިނުމުގައި ބެލެނިވެރިން މިހާރަށްވުރެ ހުޝިޔާރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ދަރިވަރުންނަށް އެހީތެރިވުމުގައި ސްކޫލާއި ޓީޗަރުންނަށް ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.