އާރަށު މައްސަލައިގެ އާ ހެކިތަކާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

އާރަށު މައްސަލައިގެ އާ ހެކިތަކާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

Author
އަހުމަދު
14 ޖޫން 2026 08:31
0

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ހިނގާފައިވާ ކޮރަޕްޝަނުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ކޯޓުގެ ތާވަލުގައިވާ ގޮތުން، ޔާމީންގެ މައްސަލަ އަލުން ބަލާއިރު އާ ހެކި ބަލައިގަތުމަށް ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފާ މެދު ގޮތެއް ނިންމުމަށް ޖުލައި 1 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފައެވެ.

މަނީ ލޯންޑަރިންނާއި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލުކުރެއްވި ކަމުގެ ކުށް ސާބިތުވެ، 25 ޑިސެންބަރު 2022 ގައި ކްރިމިނަލް ކޯޓުން ވަނީ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ނަމަވެސް ދިގު އިސްތިއުނާފީ މަރުހަލާއަކަށްފަހު، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށް އަންގާފައެވެ. އަދި އެ ހުކުމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހަޅާ އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ ހުކުމުގެ އެ ބަޔެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިން ނިންމާލާފައިވީ ނަމަވެސް، ފަނޑިޔާރުންގެ ބެންޗަށް އައި ބަދަލަކާ ގުޅިގެން މައްސަލަ ވަނީ އަލުން ހުޅުވާލާފައެވެ. އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29 ގައެވެ. އެ އަޑުއެހުމުގައި ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާއިޝާ ޝުޖޫން ވިދާޅުވީ ގޮތެއް ނިންމުމުގެ ކުރިން ސާފުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫންއެވެ. ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.