ތިނަދޫ ހޮސްޕިޓަލުގެ ތާރީޚީ ކާމިޔާބީ: ފުރަތަމަ ފަހަރަށް ރަހިމުގެ އޮޕަރޭޝަނެއް ކޮށްފި

ތިނަދޫ ހޮސްޕިޓަލުގެ ތާރީޚީ ކާމިޔާބީ: ފުރަތަމަ ފަހަރަށް ރަހިމުގެ އޮޕަރޭޝަނެއް ކޮށްފި

Author
އަހުމަދު
13 ޖޫން 2026 09:22
0

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ރަހިމާ ގުޅޭ ޚާއްސަ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ.

މިއީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި އެ ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ ޚާއްސަ ކޭމްޕެއްގެ ތެރެއިން ކުރި ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކް ސާޖަރީއެކެވެ. މި އޮޕަރޭޝަންގައި ބަލިމީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓެއްގެ އިތުރުން ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާއެއް ވަނީ ކާމިޔާބުކަމާއެކު ނަގާފައެވެ. އެކި ބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުން ބައިވެރިވި މި ކޭމްޕަކީ ސަރަޙައްދީ ފެންވަރުގައި ސިއްޙީ ޚިދުމަތް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އޮޕަރޭޝަން އިސްކޮށް ކުރިއަށްގެންދެވީ ޑރ. ޢުބައިދު ޢަބްދުﷲ އެވެ. އޭނާގެ އިތުރުން ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދު އާއި ތިއޭޓަރުގެ މުޅި ޓީމުން ވަނީ މިކަމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިފަދަ ލެޕަރޮސްކޯޕިކް އޮޕަރޭޝަންތަކަކީ އާންމުކޮށް ބަނޑުފަޅައިގެން ކުރާ އޮޕަރޭޝަންތަކާ ޚިލާފަށް، ކުދި ލޯވަޅުތަކެއްގެ ތެރެއިން ކެމެރާ ބޭނުންކޮށްގެން ކުރާ، ބަލިމީހާއަށް ތަދުކުޑަ އަދި އަވަހަށް ފަސޭހަވާ ޒަމާނީ ފަރުވާއެކެވެ. އެހެންކަމުން މިއީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ސިއްޙީ ޚިދުމަތް ދިނުމުގައި ހޯދި ވަރަށް ބޮޑު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.