ކުޑަކުދިންނަށް އިންޓަނެޓުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމުގެ މަގުސަދުގައި، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާއާއި އޭއައި ޗެޓްބޮޓްތައް ބޭނުންކުރުން މަނާކުރާ އާ ބިލެއް ކެނެޑާގެ ގާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
"ޑިޖިޓަލް ސޭފްޓީ އެކްޓް" ގެ ނަމުގައި ހުށަހެޅި މި ބިލުގެ ދަށުން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓްތައް ރެގިއުލޭޓް ކުރުމަށް ޚާއްސަ ބަލަދުވެރި އިދާރާއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ގާނޫނާ ޚިލާފުވާ ކުންފުނިތައް، އެ ކުންފުންޏެއްގެ މުޅި ދުނިޔޭގެ އާމްދަނީގެ ތިން އިންސައްތަ ނުވަތަ 10 މިލިއަން ކެނޭޑިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ލިބިދޭނެއެވެ. މީގެ އިތުރުން، އޮޓޯޕްލޭ އަދި އެންޑްލެސް ސްކްރޯލިން ފަދަ ކުދިން ދެވިހިފާ ފީޗާތަކަށް ބަދަލުގެނައުމާއި، މީހެއްގެ ނުރުހުމުގައި އާންމުކުރާ ބަދުއަޚުލާގީ މަންޒަރުތައް ރިޕޯޓުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ނަގަން ޕްލެޓްފޯމްތަކަށް މަޖުބޫރުވާނެއެވެ.
ކެނެޑާގެ މިނިސްޓަރ އޮފް ކެނޭޑިއަން އައިޑެންޓިޓީ އެންޑް ކަލްޗާ، މާކް މިލާ ފާހަގަކުރެއްވި ގޮތުގައި މިފަދަ ޕްލެޓްފޯމްތަކަކީ އިންސާނާގެ ސަމާލުކަން ދަމައިގަންނަ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެހި ކަމުން، މީގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، އެކަނިވެރިކަމާއި މާޔޫސްކަން ކުރިމަތިވެއެވެ. އޮސްޓްރޭލިއާއިން ވެސް ދާދިފަހުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނެއް ފާސްކޮށްފައިވާއިރު، ފްރާންސް އަދި ޑެންމާކް ފަދަ ވިލާތުގެ ގިނަ ގައުމުތަކަކުން ވެސް އަންނަނީ މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް މިފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، ދިވެހިރާއްޖެއިން ވެސް ވަނީ އޮސްޓްރޭލިއާގެ ނަމޫނާއާ އެއްގޮތަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް މަނާކުރުމަށް ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ސައިބާ ބުލީންއާއި ގްރޫމިން އަދި އިސްލާމީ އުސޫލުތަކާ ޚިލާފު ކޮންޓެންޓުން ކުދިން ރައްކާތެރިކުރުމަށްޓަކައި ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި މި ސިޔާސަތު ރާއްޖޭގައި ތަންފީޒުކުރަން ފަށާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0″ ގެ ދަށުން ކުރިއަށްދާ ޑިޖިޓަލް ތަރައްގީއާއި ކުދިންގެ ތައުލީމަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ވަނީ ޔަގީންކަން ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ