ްެއެއްވެސް މީހަކު ބާކީ ނުކޮށް، އެންމެން އޮންބޯޑު ކޮށްގެން ކުރިޔަށް ދެވޭނީ މީކާއިލްއަށް: ސޯލިހު

ްެއެއްވެސް މީހަކު ބާކީ ނުކޮށް، އެންމެން އޮންބޯޑު ކޮށްގެން ކުރިޔަށް ދެވޭނީ މީކާއިލްއަށް: ސޯލިހު

Author
އަހުމަދު
08 ޖޫން 2026 07:28
0

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ތަކުރާރުވިޔަ ނުދީ، 2028 ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީ އެކުގައި ކުރިއަށް ގޮސްގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ކެމްޕޭނަށް އައްޑޫ މަރަދޫގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ، ޕާޓީގެ އެތެރެއިން އެއްވެސް މީހަކު ބާކީނުކޮށް އަދި ޕާޓީން ބޭރުން ތާއީދުކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ވަގުތު އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ މީކާއިލް ޗެއާޕާސަން ކަމަށް ހޮވިވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މައިގަނޑު ސަބަބުތަކަށް އަލިއަޅުވާލައްވަމުން ސޯލިހު ވިދާޅުވީ، އިންތިހާބާ ކުރިމަތިލިއިރު ޕާޓީ އޮތީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމަށެވެ. އޭގެ އިތުރުން އިދިކޮޅު ފަރާތްތަކުން ފެތުރި ދޮގު ވާހަކަތަކަށް، ހާއްސަކޮށް އިންޑިއާ ސިފައިންނާ ގުޅުވައިގެން ދެއްކި ވާހަކަތަކަށް އެކަށީގެންވާ ރައްދެއް ނުދެވި ފެއިލްވުމަކީ ވެސް އިންތިހާބު ގެއްލުނު ބޮޑު ސަބަބެއް ކަމަށް ވިދާޅުވިއެވެ. މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަވަން ޖެހޭނީ ހުދު އެމަނިކުފާނު ކަމަށް ވެސް ސޯލިހު ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުގެ ތެދުދޮގު ޔަގީންކުރުމަށް އެދިވަޑައިގަންނަވަމުން ސޯލިހު ވަނީ، ކުރިއަށް އޮތް ތަނުގައި އެންމެން އެކީގައި ކުރިއަށް ދެވޭނެ އުސޫލުތަކެއްގެ މަތިން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. ތާއީދު ހޯދުމުގައި ވެސް ވާހަކަ ދައްކަން އެކަށީގެންވާ މިންގަނޑެއް އޮންނަން ޖެހޭނެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ކުރިއަށް އޮތް އިންތިހާބުތަކަށް ޕާޓީގެ ސަފުތައް ބަދަހިކުރުމުގެ މުހިންމުކަން ތަކުރާރުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.