ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގް (ސޯބެ) ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ޕާޓީގެ އިސްވެރިން އޭނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވައި ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ. މި އިންތިހާބުގައި ސޮޑާއަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ.
މި ކާމިޔާބީއާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިއީ މަޖިލީހަށް ސޯބެ ފަދަ ބޭފުޅުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ލިބުނު އިތުރު ބާރެއްކަން ފާހަގަކުރައްވައި، އިންތިޚާބުތަކުން ފެންނަނީ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނަމުންދާ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، މި ނަތީޖާއިން ދައްކައިދެނީ ގައުމުގެ ކުރިމަގު އޮތީ އެމްޑީޕީއާއެކު ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމެވެ. އަދި ސޯބެއާއެކު ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިތުރަށް ހަރުދަނާވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ކުރިން އައްޑޫ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ސޯބެ މި ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެމްބަރުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ. މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ 74 މެމްބަރުންނެވެ.
ކޮމެންޓު ފޮނުވާ