ހިތަދޫ އުތުރުގެ ކާމިޔާބީއަކީ ސަރުކާރު ފެއިލްވެފައިވާކަމުގެ ސާފު ހެއްކެއް: ގަފޫރު

ހިތަދޫ އުތުރުގެ ކާމިޔާބީއަކީ ސަރުކާރު ފެއިލްވެފައިވާކަމުގެ ސާފު ހެއްކެއް: ގަފޫރު

Author
އަހުމަދު
06 ޖޫން 2026 08:40
0

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމަކީ މި ސަރުކާރު ފެއިލްވެފައިވާކަން ރައްޔިތުން ސާފުކޮށް ބުނެދިން މެސެޖެއް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވައި، ބޮޑު ތަފާތަކުން މި ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު އެވެ. މި ނަތީޖާއަށް އިޝާރާތްކުރައްވައި ގަފޫރު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ މިނިވަންކަމާއި އިހުލާސްތެރިކަން ކަމަށާއި، ސަރުކާރުން އިންތިހާބު ކާމިޔާބުކުރަން ހުރިހާ މަސައްކަތެއް ކުރި ނަމަވެސް ރައްޔިތުން ތިބި ގޮތް މިއަދު ވަރަށް ސާފުކޮށް ހާމަވެއްޖެ ކަމަށެވެ.

އިންތިހާބުގެ ކެމްޕޭނު ތެރޭގައި ސަރުކާރުން އެމްޑީޕީގެ މެމްބަރުންނަށް ވަޒީފާގެ ބިރުދައްކައި، ބައެއް މީހުން ވަޒީފާއިން ސަސްޕެންޑުކުރަން ސިޓީ ފޮނުވާފައިވާކަން ފާހަގަކުރައްވައި ގަފޫރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ވަޒީފާތަކަކީ އެންމެންނަށް ހައްގު އަދި ހަމަހަމަވެގެންވާ ކަންކަމަށް ވާއިރު، އެފަދަ ބިރުދެއްކުންތަކަށް އެމްޑީޕީން ތަބާނުވާނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުންހާ ކަމެއް ކުރަން ދޫކޮށްލައިގެން ނުތިބޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

މި ކާމިޔާބީއާ އެކު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރުންގެ އަދަދު 13 އަށް ވަނީ އިތުރުވެފަ އެވެ. ގަފޫރު ސިފަކުރެއްވި ގޮތުގައި އިންތިހާބު ކާމިޔާބުކުރެއްވި ސޯދިގަކީ މަޖިލީހުގެ ފްރަންޓްލައިންގައި މަސައްކަތްކުރައްވާނެ އެ ޕާޓީގެ ގަދަ ފަހުލަވާނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.