ސަރުކާރުގެ ސިޔާސަތުތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުތައް ރައްޔިތުންނާ ހިއްސާކުރުމަށްޓަކައި، ރައީސް އޮފީހުން "ދަ ޕަލްސް" ގެ ނަމުގައި ޚާއްޞަ ޕޮޑްކާސްޓް ސިލްސިލާއެއް މިއަދު ފަށައިފިއެވެ.
މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރުފަހު ރައީސް އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި ވަނީ އާންމުކޮށްފައެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ތިމާވެއްޓަށް ޚާއްޞަކޮށްފައިވާ މި އެޕިސޯޑުގައި، ތިމާވެށްޓާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދޭ އިސްކަމާއި އެކަންކަން ތަންފީޒުކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.
މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފާއެކު ރައީސް ވާހަކަފުޅުދައްކަވާ ގޮތަށާއި، ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށެވެ. އެގޮތުން ރާއްޖޭގެ މީޑިއާއަކަށް ދެއްވާ އެކްސްކްލޫސިވް ބަސްދީގަތުމެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެފައިވަނީ 'ވަގުތު' ނޫހުގެ ނޫސްވެރިޔާ ޔާމީން މުޙައްމަދެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިއީ އެވަގުތެއްގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންތައް ހުރި ދާއިރާތަކުން ސަރުކާރުގެ ސިޔާސަތުތައް ސީދާ ރައްޔިތުންނަށް ހާމަކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ. ރައީސް އޮފީހުން ދެކޭގޮތުގައި މިއީ ސަރުކާރުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ކޮންމެ އެޕިސޯޑެއްވެސް ވަކި ޚާއްޞަ މައުޟޫޢަކަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ