ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

Author
އަހުމަދު
05 ޖޫން 2026 04:07
0

ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު، އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން އެ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ސަސްޕެންޑްކޮށްފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ވަނީ ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ޝުޖާއު އެއްކިބާކޮށް، އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް ނިންމަންދެން ކައުންސިލް އިދާރާއަށް ނުނުކުތުމަށް އޭނާއަށް އަންގާފައެވެ. އަދި ކައުންސިލް ހިންގުން ވަގުތީގޮތުން އެ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހުމަދާ ވަނީ ހަވާލުކޮށްފައެވެ.

ލާމަރުކަޒީ ގާނޫނަށް ދާދިފަހުން ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ޕާޓީއެއްގެ ޓިކެޓުގައި ކައުންސިލަށް އިންތިޚާބުވުމަށްފަހު ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މީހެއްގެ ކައުންސިލަރުކަން ގެއްލޭނެއެވެ. އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ އެލްޖީއޭއިން ބުނެފައިވާ ގޮތުގައި، ޝުޖާއު އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ޝުޖާއު އިންތިޚާބުވި ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު އޭރުގެ އިސް ބޭފުޅުންތަކެއް އިސްވެތިއްބަވައިގެން އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމުކުރާ މިންވަރަށް މެމްބަރުން ހަމަނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ބުދަ ދުވަހު އެ ޕާޓީ އުވާލާފައެވެ.

މި މައްސަލައިގައި ޝުޖާއު ސަސްޕެންޑްކޮށްފައިވާއިރު، ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގަތުމަށްފަހު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ކައުންސިލަރުންނާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ނޫހުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.