ދުބާއީގެ ވެރިޔާގެ އާއިލީ ބޭފުޅެއް ކަމަށްވާ ޝައިޚް ސައީދު ބިން މަޚްތޫމްގެ ކުރީގެ އަނބިކަނބަލުން ޒައިނަބް ޖަވާދްލީ، އޭނާގެ ތިން ދަރިން ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދުބާއީ ފުލުހުން ހައްޔަރުކޮށްފިއެވެ.
2019 ވަނަ އަހަރު ޝައިޚް ސައީދާއި ވަރިވެފައިވާ އަޒަރުބައިޖާންގެ ކުރީގެ ޖިމްނާސްޓް ޒައިނަބް ހައްޔަރުކޮށްފައިވަނީ، ކޯޓުން ހުއްދަ ދީފައިވާ ބައްދަލުވުމެއްގެ ތެރެއިން ކުދިން ގޮވައިގެން ފިލި ކަމަށް ބުނެ އޭނާގެ ކުރީގެ ފިރިކަލުން ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެންނެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ދެމަފިރިންގެ ދެމެދުގައި ދަރިންގެ ބެލެނިވެރިކަމާމެދު އުފެދިފައިވާ ދިގުލީ އަރާރުންތަކެއްގެ ތެރެއިންނެވެ.
ދުބާއީ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފައިވަނީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި، މިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކުދިންގެ ރައްކާތެރިކަމާއި މަސްލަހަތަށް ކަމަށެވެ. ޝައިޚް ސައީދުގެ ވަކީލުން ވަނީ ޒައިނަބަކީ ދަރިން ބެލުމަށް އެކަށީގެންވާ ފަރާތެއް ނޫންކަމަށް ބުނެ، ކުދިން ސްކޫލަށް ނުފޮނުވުމާއި ރައްކާތެރިކަން ނެތް މާހައުލެއްގައި ގެންގުޅޭކަމުގެ ތުހުމަތު ކޯޓުގައި ކޮށްފައެވެ. އަދި އެންމެ ހަގު ދަރިފުޅުގެ ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ވަކީލުން ވިދާޅުވެއެވެ.
ފާއިތުވި މަސްތަކުގައި ޒައިނަބް ދިރިއުޅެމުންދިޔައީ ކުދިން އަތުލަފާނެކަމުގެ ބިރަށް ގެއިން ބޭރަށް ނުނިކުމެ، ގޭބަންދެއް ފަދަ ހާލަތެއްގައެވެ. މީގެ ކުރިން ކުދިން އަތުލަން އުޅުނު ވަގުތެއްގައި ސޯޝަލް މީޑިއާގައި ލައިވްކުރި މައްސަލައެއްގައި ޔޫއޭއީގެ ސައިބަރ ކްރައިމް ގާނޫނާ ޚިލާފުވިކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
މި ހައްޔަރާ ގުޅިގެން ޒައިނަބްގެ ދިފާއުގައި މަސައްކަތްކުރާ އިންސާނީ ހައްގުތަކާބެހޭ ވަކީލު ޑޭވިޑް ހޭގް ވަނީ، އޭނާއަށް ވަކީލުންނާއި އާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ވަގުތުން ހަމަޖައްސައިދީ، އޭނާ މިނިވަންކޮށް ގެއަށް ފޮނުވާލުމަށް ޔޫއޭއީ ސަރުކާރަށް ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ