އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ގާޑިއަން ކްލާސްގެ އައު ޕެޓްރޯލް ބޯޓު ކަމަށްވާ "އިމާދުއްދީން" މި މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ނިންމައިފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލުކުރި މި މަނަވަރު ރާއްޖެއާ ހަމައަށް ފޯރާނެކަމަށް ލަފާކުރެވެނީ މި މަހުގެ 15 ނުވަތަ 17 ހިސާބުގައެވެ. މިއީ އޮސްޓްރޭލިއާގައި ބަނދެގެން ގެންނަ މުޅިން އައު އުޅަނދެކެވެ. މި އުޅަނދު ރާއްޖެ ގެންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކްރޫއިންނާއެކު، އެ ފަރާތްތަކުގެ ބެލުމުގެ ދަށުންނެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި މަނަވަރު ހަވާލުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ދިފާއީ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމުގެ ފުރިހަމަ ރަމްޒެކެވެ. މި އުޅަނދު ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެމްއެންޑީއެފުން ފާހަގަކުރާ ގޮތުގައި، މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހި އަސްކަރިއްޔާއަށް ވަރަށް ބޮޑު ކުރިއެރުމަކާއި ގާބިލުކަމެއް ލިބިގެންދާނެއެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ މިއީ އަގުނުކުރެވޭ ފަދަ މުހިންމު އެހީއެއްކަން ފާހަގަކުރައްވައި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އޮސްޓްރޭލިއާގެ އިތުރުން މީގެ ކުރިން މިދިޔަ އަހަރު ތުރުކީވިލާތުން ވެސް ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކޮށްފައެވެ. އެއީ 1981 ވަނަ އަހަރު ތުރުކީ ނޭވީގެ ޚިދުމަތަށް ނެރުނު، އަދި ފަހުން ޓްރެއިނިންގ އުޅަނދަކަށް ބަދަލުކޮށްފައިވާ ބޯޓެކެވެ. އެ އުޅަނދު އޮޕަރޭޓު ކުރުމަށް ދިވެހި ސިފައިން ވަނީ ތުރުކީގައި ތަމްރީނުވެސް ފުރިހަމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ