ދެކުނުގެ އަތޮޅުތައް ވައިގެމަގުން ގުޅާލުމަށް ފެށި މަޝްރޫޢަށް ލިބުނު ބޮޑު ކާމިޔާބީއާއެކު، އުތުރުގެ ތިން އަތޮޅެއް ވައިގެ ނެޓްވޯކަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، މި އައު މަސައްކަތުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހއ، ހދ، އަދި ށ. އަތޮޅުގެ ވައިގެ ބަނދަރުތައް އެއް ވިއުގައަކުން ގުޅާލުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މި އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދެކުނުގައި ފެށި ވައިގެ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އެ ދަތުރުތަކުގެ ލޯޑު ފެކްޓަރ މިހާރުވެސް ހުރީ 70 އިންސައްތައަށްވުރެ މަތީގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާތަނަށް 2900 އަށްވުރެ ގިނަ މީހުން ދެކުނުގެ އުދުހުންތަކުން ޚިދުމަތް ހޯދާފައިވާއިރު، މި ދަތުރުތަކުގައި ބޭނުންކުރަމުން އަންނަނީ 15 މީހުންގެ ޖާގައިގެ ޓްވިންއޮޓާ ބޯޓުތަކެވެ. އައްޑޫ ސިޓީގެ ގަމުން ފުވައްމުލަކަށް އަދި އެއަށްފަހު ގއ. ކޫއްޑޫ ނުވަތަ ގދ. ކާޑެއްދޫއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލްތަކާ ގުޅުވައިގެންވެސް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ.
ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ހަރުދަނާ ނިޒާމެއް ވައިގެމަގުންނާއި ކަނޑުމަގުން ޤާއިމުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެތެރޭގެ އުދުހުންތައް ފުޅާކުރުމުގެ އިތުރުން، ބޭރުގެ މަންޒިލްތަކަށް ޤައުމީ އެއަރލައިންގެ ދަތުރުތައް ފެށުމަށްޓަކައި މޯލްޑިވިއަންގެ ފްލީޓަށް ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ