ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓް ޒަމާނީކޮށް އައުކުރުމުގެ ގޮތުން އިތުރު ދެ އޭޓީއާރު މަތިންދާބޯޓު ގެނައުމަށް އެ ކުންފުނިން އޯޑަރުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވި ގޮތުގައި، އަލަށް އޯޑަރުކުރި ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މިއަހަރުގެ ފަހުކޮޅު، އަދި ދެވަނަ ބޯޓު އަންނަ އަހަރުގެ ފަހުކޮޅު ރާއްޖެ ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މި ބޯޓުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ މިހާރު ބޭނުންކުރަމުންދާ، ދުވަސްވީ ޑޭޝް-8 މަރުކާގެ ބޯޓުތައް ބޭނުންކުރުން ހުއްޓާލައި ފްލީޓް އެއްކޮށް އޭޓީއާރު މަރުކާއަށް ބަދަލުކުރުމެވެ. މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ޑޭޝް-8 ބޯޓުތައް އޭޓީއާރަށް ބަދަލުކުރުމުގެ މަޝްރޫޢު އެ ކުންފުނިން ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ.
މިހާރު ބޭނުންކުރާ ޑޭޝް-8 ބޯޓުތަކަކީ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، އަދި އޭގެ އުފެއްދުންވެސް 2010 ވަނަ އަހަރާ ހިސާބުގައި ހުއްޓާލާފައިވާ ބޯޓުތަކެއްކަމުން، އެ ބޯޓުތައް މަރާމާތުކުރުމަށް ކުންފުނިން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން އިޔާސް ފާހަގަކުރެއްވިއެވެ. މޯލްޑިވިއަންގެ ފްލީޓުގައި މިހާރުވެސް އޭޓީއާރު މަރުކާގެ 5 ބޯޓު އޮޕަރޭޓްކުރަމުންދާއިރު، އޭގެ ތެރެއިން އެންމެ ފަހުން ގެނައި ބޯޓަކީ ކުންފުނީގެ ތާރީޚުގައިވެސް ގެނައި ފުރަތަމަ ބްރޭންޑް ނިއު (މުޅިން އައު) ބޯޓެވެ. މީގެ ކުރިން އެ ކުންފުންޏަށް އަބަދުވެސް ގެނެސްފައިވަނީ ބޭނުންކޮށްފައި ހުންނަ ބޯޓުތަކެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 27 ބޯޓު އޮންނައިރު، އޭގެ ތެރޭގައި އެއަރބަސް އޭ330 އަދި އޭ320 ގެ އިތުރުން އޭޓީއާރާއި، ޑޭޝް-8 އަދި ޓްވިންއޮޓާރ ބޯޓުތައް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ޤައުމީ އެއަރލައިންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުފެށުމެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރުގެ ފަހުކޮޅު އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ގެނައުމުގެ މަސައްކަތްވެސް އައިލެންޑް އޭވިއޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ