މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިސްނަގައިގެން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން މިއަހަރުގެ އަޟްޙާ ޢީދު ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.
"ޢީދު އުފާ- މެލޭޝިޔާ" ގެ ނަމުގައި ކުއާލަލަންޕޫރުގައި ބޭއްވި މި ޙަރަކާތަކީ ދިވެހިންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހި އާދަކާދަތަކާއި ސަޤާފަތް ދިރުވުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. ދިވެހިންގެ އާދަކާދައާ އެއްގޮތަށް ޢީދު ދުވަހުގެ މެންދުރުގެ ފަރިއްކޮޅަކުން ފެށި މި ޙަރަކާތުގައި، އުޟުހިޔާ ކަތިލުމުގެ ކަންކަންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އިވެންޓުގައި ދިވެހިންގެ ސަޤާފީ ކުޅިވަރުތައް ކަމަށްވާ ވާދެމުމާއި، ގޯނި ރޭހާއި، ބޮޑުބެރުގެ އިތުރުން ބޮޑުމަހުގެ ޙަރަކާތްތައް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ 50 ދަރިވަރުންނާއި، ސަންވޭ ޔުނިވަރސިޓީ، ޓެއިލާރސް ޔުނިވަރސިޓީ އަދި އޭޕީޔޫ ފަދަ ތަންތަނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ފަރާތުން ޚާއްސަ ސަޤާފީ ހުށަހެޅުންތަކެއް ވަނީ ފެނިގެންގޮސްފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ފޭސް ޕެއިންޓިންގ، ކަޕް ކޭކް ޒީނަތްތެރިކުރުން، ފެންކުޅި އަދި ޑިޒްނީ ކެރެކްޓަރތައް ދެއްކުން ފަދަ ގިނަ ޙަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންދިޔައެވެ. މެލޭޝިޔާގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ދިވެހި ޢާއިލާތަކާއި ދަރިވަރުން ބައިވެރިވި މި ޙަފްލާ ނިންމާލާފައިވަނީ ބައިވެރިންގެ މެދުގައި ނެގުނު ލަކީޑްރޯއަކުން އަގުހުރި އިނާމުތަކެއް ދިނުމަށްފަހު، އުޟުހިޔާ ސަދަޤާތް ކުރުމާއެކުގައެވެ.
ކޮމެންޓު ފޮނުވާ