2023ގެ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ޞާލިޙުގެ މަގުބޫލުކަން ނެތުމުން: ނަޝީދު

2023ގެ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ޞާލިޙުގެ މަގުބޫލުކަން ނެތުމުން: ނަޝީދު

Author
އަހުމަދު
23 މެއި 2026 11:27
0

މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީ، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އޮތް މަގުބޫލުކަން ކުޑަވުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނުރަސްމީ އެކްސް އެކައުންޓެއް މެދުވެރިކުރައްވައި ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީން ރަސްމީކޮށް ގަބޫލުކުރާ ގޮތުގައި އިންތިޚާބު ގެއްލުމުގެ މައިގަނޑު އަސްލަކީ ޕާޓީގެ އެތެރޭގައި އުފެދުނު ބޮޑު ކޯޅުމާއި ޕާޓީ ދެބައިވުމެވެ. 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ނަޝީދާއި ޞާލިޙާ ދެމެދު އުފެދުނު ހޫނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްއަށް ހަތް އިންސައްތަ ވޯޓު ލިބުނުއިރު، ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމަށް އެ ޕާޓީން ދެކޮޅު ހެދުމަކީ ޞާލިޙަށް އިންތިޚާބު ނާކާމިޔާބުވުމަށް މެދުވެރިވި ވަރަށް ބޮޑު ސަބަބެއް ކަމަށް ވަނީ ބެލެވިފައެވެ.

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު، ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް، މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅިގެން ޕާޓީގެ އެތެރޭގެ ވާދަވެރިކަން އަނެއްކާވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ޗެއާޕާސަން ކަމަށް ނަޝީދު ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު، ޞާލިޙް ތާއީދުކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ.

ޞާލިޙް ވިދާޅުވެފައިވަނީ މިއީ ނަޝީދު ޗެއާޕާސަން ކަމަށް ވާދަކުރައްވަންވީ ވަގުތު ނޫން ކަމަށާއި، މިހާރު އިސްކަންދޭންވީ ކުރީގެ ރައީސް ޔާމީނާއެކު ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަރަކާތުގައި އެކުގައި ދެމިތިބުމަށް ކަމަށެވެ. ސަރުކާރާ ދެކޮޅަށް އެއްގަލަކަށް އަރައިގެން ތިން ރައީސުން މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، ޕާޓީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ނަޝީދާއި ޞާލިޙާ ދެމެދު އަނެއްކާވެސް އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.