އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކުރިއަށް އޮތް ޢީދު ބަންދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށްވެސް ވިއްސާރައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. މުޅި ރާއްޖެއަށް އާންމުކޮށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، އަރަބި ކަނޑާއި ބޭ އޮފް ބެންގޯލް ސަރަހައްދުގައި މިވަގުތު ތިން ކޮޅިގަނޑެއް އުފެދިފައިވާކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ މެޓް އޮފީހުން ޔަގީންކޮށްދޭ ގޮތުގައި މި ކޮޅިގަނޑުތަކުގެ ސީދާ އެއްވެސް ނޭދެވޭ އަސަރެއް ރާއްޖެއަކަށް ނުކުރާނެއެވެ.
ކޮމެންޓު ފޮނުވާ