ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ގަސް ކެނޑުމުން އެމްޓީސީސީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ގަސް ކެނޑުމުން އެމްޓީސީސީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި

Author
އަހުމަދު
20 މެއި 2026 09:53
0

ހއ. ބާރަށުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ގަވާއިދާ ޚިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 550،000 ރުފިޔާއިން ޖޫރިމަނާކުރަން އެންވަޔަރްމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ނިންމައިފިއެވެ.

އީއާރްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ހިނގާފައިވަނީ 2023 ވަނަ އަހަރު އެ ރަށު ކައުންސިލްގެ އެދުމަކަށް އެމްޓީސީސީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރް) ގެ ދަށުން ރަށު ވަށާމަގު ހެދުމުގެ މަސައްކަތުގެ ތެރެއިންނެވެ. އީއާރްއޭގެ ހުއްދައަކާ ނުލައި ރުއްގަސް ނަގާފައިވަނީ އެ ރަށުގެ ކުޅި އާއި ފާ އަދި ޗަސްބިމުގެ ސަރަހައްދުންނެވެ. އެގޮތުން، ހިމާޔަތްކޮށްފައިވާ ސަރަހައްދާއި އޭގެ ވަށައިގެންވާ 20 މީޓަރުގެ ބަފާ ޒޯނުން 24،617.78 އަކަމީޓަރު އަދި އޭގެ ބޭރުން 835،837.95 އަކަފޫޓުގެ ސަރަހައްދެއް ގަވާއިދާ ޚިލާފަށް ސާފުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މި އަމަލާ ގުޅިގެން އެމްޓީސީސީ ޖޫރިމަނާކޮށްފައިވަނީ މައިގަނޑު ދެ ގަވާއިދެއްގެ ދަށުންނެވެ. އެއީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން ކުރި 500،000 ރުފިޔާގެ ޖޫރިމަނާއަކާއި، ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާއެކެވެ. މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީއާރްއޭއިން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.

މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން، ރަށުގެ ހޭޅިފަށުންނާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުން އެއްވެސް ރުއްގަހެއް ނުކެނޑުމަށް އީއާރްއޭއިން އޮތީ އަންގާފައެވެ. ނަމަވެސް އެމްޓީސީސީން އެކަމާ ޚިލާފަށް އަމަލުކުރަމުން ދިޔައިރު ބާރަށު ކައުންސިލުން އެކަން ރިޕޯޓުކޮށްފައި ނުވާތީ، އެކަން އީއާރްއޭއިން ސިފަކޮށްފައިވަނީ ކައުންސިލްގެ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެ އޮތޯރިޓީން ވަނީ ކައުންސިލަށް ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.