ވ. އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިއަދު އެ ގައުމަށް ފޮނުވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ފޭބިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މި ފަތުރުވެރިންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސުނު ވަގުތު ގާތްގަނޑަކަށް 60 މީޓަރު އަޑިން އެ ހޮހޮޅައިގެ ތެރެއިންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި ބާކީ ތިބި ހަތަރު މީހުންވެސް ތިބީ 200 ފޫޓު ދިގު އެ ހޮހޮޅައިގެ ތެރޭގައެވެ. މިހާތަނަށް އޭގެ ތެރެއިން އިތުރު ދެ މީހެއްގެ ހަށިގަނޑު ނަގާފައިވާއިރު، ބާކީ ދެ ހަށިގަނޑު ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި މީހުން ހޯދުމަށް ކުރިއަށްގެންދިޔަ ނުރައްކާތެރި އޮޕަރޭޝަނުގެ ތެރެއިން ހޮނިހިރު ދުވަހު ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މަރުވުމާ ގުޅިގެން މަސައްކަތް ވަގުތުކޮޅަކަށް މެދުކަނޑާލިއެވެ. ނަމަވެސް، އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާއެކު މިހާރު ވަނީ އޮޕަރޭޝަން އަލުން ފަށާފައެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ފިންލޭންޑުގެ ތަޖުރިބާކާރުންނަށް ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މި ހާދިސާގައި ބާކީ އޮތް ދެ ހަށިގަނޑު ރިކަވަރ ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ