ވ. އަތޮޅުގައި ހިނގި ޑައިވިންގ ހާދިސާގައި އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތަށް މަޓީގެ ތައުރީފު

ވ. އަތޮޅުގައި ހިނގި ޑައިވިންގ ހާދިސާގައި އެމްއެންޑީއެފުން ކުރަމުންދާ މަސައްކަތަށް މަޓީގެ ތައުރީފު

Author
އަހުމަދު
17 މެއި 2026 09:09
0

ވ. އަތޮޅު "މިޔަރު ޑައިވް" ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރަމުންދާ ބުރަ މަސައްކަތަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ތަޢުރީފުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ދިޔަ އިޓަލީގެ ހަތަރު ޑައިވަރުންނާއި އެމީހުންގެ އިންސްޓްރަކްޓަރު ވަނީ ގެއްލިފައެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާގޮތުގައި، އިންސްޓްރަކްޓަރު ފެނިފައިވަނީ ހޮހަޅައިގެ 60 މީޓަރު (197 ފޫޓު) އަޑިންނެވެ. އަދި ބާކީ ތިބި ހަތަރު މީހުން ގާތްގަނޑަކަށް 200 ފޫޓު ދިގު އެ ހޮހަޅައިގެ އެތެރޭގައި މަރުވެފައި ތިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

މިކަމާ ގުޅިގެން މަޓީން ނެރުނު ބަޔާނެއްގައި، ޑައިވަރުން މަރުވި ހާދިސާއާއި، މީހުން ހޯދުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަޙުދީ ނިޔާވުމާ ގުޅިގެން އެކަމުގެ ފުން ހިތާމައިގައި ބައިވެރިވެ، އާއިލާތަކަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ. އަދި ނުރައްކާތެރި އަދި ދަތި ހާލަތްތަކުގައި ސާޗް އެންޑް ރިކަވަރީ ޓީމުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެއީ ޤައުމަށް ކޮށްދޭ މަތިވެރި ޚިދުމަތެއް ކަމަށް އެ ޖަމިއްޔާއިން ސިފަކޮށްފައިވެއެވެ. އެމްއެންޑީއެފްގެ މި މަސައްކަތުގެ ސަބަބުން އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.

ކުރިއަށް އޮތް ތަނުގައި މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ޑައިވިންގ ސެންޓަރުތަކާއި އެ ޚިދުމަތްދޭ ފަރާތްތަކުން ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމަށް މަޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.