ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގެ ސަބަބުން، އެޗްޑީސީއަށް 15.9 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ މާލީ ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައިވާ ޚާއްޞަ އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން 4،120 މީހަކަށް 1،408 ގޯތި ވަނީ ދޫކޮށްފައެވެ. މިއީ ހުޅުމާލޭގެ ފޭސް ދޭއް އަދި ތިނަކުން ޖުމްލަ 2.8 މިލިއަން އަކަފޫޓުގެ ބިމެވެ. އެޗްޑީސީގެ މިލްކިއްޔާތުގައި އޮތް އަދި މުސްތަޤުބަލުގައި އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ހޯދެން އޮތް މި ބިންތައް ދޫކޮށްލުމުގެ ސަބަބުން 14.85 ބިލިއަނާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް އެ ކުންފުންޏަށް ވަނީ ގެއްލިފައެވެ.
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި މި ސްކީމް ހިންގި ނަމަވެސް، ގޯތި ދޫކުރުމުގައި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ގޯތި ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރަޖިސްޓްރީއެއްގައި އޮތުމާއި، އަމިއްލަ ނަމުގައި ބިމެއް ނެތުމުގެ އިތުރުން 18 އަހަރު ފުރިފައިވުން ފަދަ އާންމު ކަންކަން ހިމެނިއިރު، މީހުންގެ އިޖުތިމާޢީ އަދި ދިރިއުޅުމުގެ ޙާލަތަށް އެއްވެސް ވަރަކަށް ބަލާފައެއް ނުވެއެވެ. އަދި ކުރިން ހިންގި ހިޔާ މަޝްރޫޢާ އަޅާބަލާއިރު، ބިންވެރިޔާ ސްކީމަށް އިންތިހާއަށް ގިނައިން ބިން ބޭނުންކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި ސްކީމުގެ ސަބަބުން ހުޅުމާލޭގެ ދުރުރާސްތާގެ މާސްޓަރ ޕްލޭނަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވެ، އާންމު ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ގިނަ ބިންތަކެއް ވަނީ މީހުން ދިރިއުޅުމަށް ދޫކުރަން ޖެހިފައެވެ. އޭގެ ތެރޭގައި ތަޢުލީމީ، ދީނީ، އޮފީސް އިމާރާތްތައް އަދި އައިޓީ އާއި ޕާކުތައް ފަދަ މުހިންމު ވަސީލަތްތަކަށް ޚާއްޞަކުރި 563،642 އަކަފޫޓުގެ ބިން ގެއްލިފައިވާކަން އޮޑިޓުން ދައްކައެވެ. މިއީ ސިޓީއެއްގެ ތަރައްޤީއަށް ބޭނުންވާ މައިގަނޑު ވަސީލަތްތައް ޤާއިމުކުރުމަށް ހުރަސްއެޅި، މުޅި ތަރައްޤީގެ ޕްލޭނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި ކަމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ