ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި ނިޔާވި ސިފައިންގެ ކުޅަދާނަ ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަކީ ގައުމަށްޓަކައި ގުރުބާންވުމުގެ މަތިވެރި ނަމޫނާއެއް ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. މާފިލާފުށީގައި ބޭއްވި ނޭޝަނަލް ސާވިސް ދަސްވެނިވުމުގެ ދެވަނަ ބުރުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސިފައިންގެ ކޮންމެ މީހަކީ ވެސް މަގުސަދު ހާސިލްކުރުމަށްޓަކައި ފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބޭ ބައެއްކަން މަހުދީ ސާބިތުކޮށްދީފައިވާ ކަމަށެވެ. މިއަދުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ވަނީ މަހުދީގެ ހަނދާނުގައި ހާއްސަ ސުކޫތެއް ވެސް ގެނެސްފަ އެވެ.
ވ. އަލިމަތާ ކައިރީގައިވާ 60 މީޓަރު ފުން ހޮހޮޅައަކަށް މިދިޔަ ބުރާސްފަތި ދުވަހު ފީނި އިޓަލީގެ ފަސް މީހަކު ގެއްލިގެން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި ހާލު ދެރަވެގެން މަހުދީ ނިޔާވީ އިއްޔެ އެވެ. މިނިސްޓަރު ހަސަން ވިދާޅުވި ގޮތުގައި، އެ ހިތާމަވެރި ހާދިސާއިން ދައްކުވައިދިނީ ސިފައިން ކުރާ ހުވާގެ މަތީގައި ދެމިތިބޭ ކަމާއި، އެ ބޭފުޅުންގެ އަޒުމު ނުގުޑާނެ ކަމެވެ. އަދި ދިވެހި ކޮންމެ ދަރިއަކީ ވެސް ގައުމުގެ ހައްގުގައި މިފަދަ ގުރުބާނީއެއް ވުމަށް ތައްޔާރަށް ހުންނަ މީހަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ގެއްލުނު ޑައިވަރުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ގާތްގަނޑަކަށް 200 ފޫޓު ދިގު އެ ހޮހޮޅައިގެ ތެރެއިން ފެނިފައިވާއިރު، އަނެއް ހަތަރު މީހުން އަދިވެސް ނުފެނެ އެވެ. މަހުދީ ނިޔާވުމާ ގުޅިގެން، ރިސްކު ބޮޑު އެ އޮޕަރޭޝަން ވަގުތީގޮތުން ހުއްޓާލާފައި އޮތުމަށްފަހު، އެ މީހުން ހޯދުމުގެ މަސައްކަތަށް ފިންލެންޑުގެ ތިން މާހިރުން މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. ނިޔާވި މަހުދީއަކީ، މި އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު އެ ސަރަހައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މައުލޫމާތު އެރުވުމުގެ ބްރީފިންގައި ވެސް ބައިވެރިވި ތަޖުރިބާކާރު ޑައިވަރެކެވެ.
ކޮމެންޓު ފޮނުވާ