މާލޭގައި އާންމުންނަށް ދަތިވާގޮތަށް ބާއްވާ އެއްވުންތައް ރޫޅާލައި ފިޔަވަޅު އަޅަނީ

މާލޭގައި އާންމުންނަށް ދަތިވާގޮތަށް ބާއްވާ އެއްވުންތައް ރޫޅާލައި ފިޔަވަޅު އަޅަނީ

Author
އަހުމަދު
15 މެއި 2026 10:59
0

މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެކަމަށާއި، ގާނޫނާ ހިލާފު އެއްވުންތައް ރޫޅާލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ދީފިއެވެ.

ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ހައްގު އެއްވެސް ތަފާތުކުރުމެއްނެތި ހިމާޔަތްކޮށްދޭނެ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ބާއްވާ މުޒާހަރާތަކާއި އެއްވުންތަކުގެ ސަބަބުން މަގުތައް ބަންދުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އަދި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހަވާލާދީ ފުލުހުން ބުނީ، އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކުން އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ ލިޔުމަކުން ދޭ ހުއްދައަކާ ނުލައި މާލޭގައި އެއްވުންތައް ބޭއްވޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

އެހެންކަމުން ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެކަމަށާއި، ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލައި އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ. އެހެންނަމަވެސް، ގާނޫނާ އެއްގޮތަށް ބާއްވާ ސުލްހަވެރި ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.