ނޫސްވެރިކަމަށް ދޭ ހަމަލާތައް ކާމިޔާބު ނުވާނެ: ރައީސް ސޯލިހު

ނޫސްވެރިކަމަށް ދޭ ހަމަލާތައް ކާމިޔާބު ނުވާނެ: ރައީސް ސޯލިހު

Author
އަހުމަދު
12 މެއި 2026 11:48
0

"އަދަދު" ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުމާ ގުޅިގެން، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް ދޭ ހަމަލާތައް ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން 15 ދުވަހަށް އަދި ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައްޔިތުންގެ ފާޑުކިޔުންތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވި ލަދުވެތި ބާބެއް ކަމަށެވެ. އަދި މިއީ ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރުން އަތްގަދަ ކުރާ ކަމުގެ ހެއްކެއް ކަމަށާއި، ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާއި ހައްގުތައް ދިފާއުކުރުމުގައި ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދެ ނޫސްވެރިންނަށް ފިޔަވަޅު އަޅާފައިވަނީ އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިޔުމެންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރާ ތުހުމަތުތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ "ގޭގް އޯޑަރ" އާ ހިލާފުވި ކަމަށް ބުނެއެވެ. އެގޮތުން ލީވާން ކޯޓަށް ހާޒިރުކުރީ ކޯޓު އަމުރާ ގުޅޭ ހަބަރެއް ލިޔެގެން ކަމަށްވާއިރު، ޝަހުޒާން ހާޒިރުކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ހިލާފަށް ރައީސްއާ ސުވާލުކުރި ކަމަށް ބުނެއެވެ.

އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް މުޅި ރާއްޖެއަށް އަމާޒުކޮށް ކޯޓުން ނެރުނު އަމުރުގައި، ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ޑޮކިޔުމެންޓްރީ ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ނުދެއްކުމަށް ވަނީ އަންގާފައެވެ. އޭގެ އިތުރުން މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި މީހާގެ ވާހަކަ ނުދެއްކުމަށާއި، ސިއްރުން ކުރިއަށްގެންދާ މި ޝަރީއަތާ ގުޅުންހުރި ލިޔުންތަކާއި މައުލޫމާތު ނުފެތުރުމަށް އަންގާފައިވާއިރު، މިއިން ކޮންމެ ކަމަކާ ހިލާފުވުމަކީވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.