މެދުއިރުމަތީ ހަނގުރާމައިގެ އަސަރު ޓޫރިޒަމަށް, އެހީދެއްވުމަށް ދިރާސާ ކުރަނީ

މެދުއިރުމަތީ ހަނގުރާމައިގެ އަސަރު ޓޫރިޒަމަށް, އެހީދެއްވުމަށް ދިރާސާ ކުރަނީ

Author
އަހުމަދު
11 މެއި 2026 06:37
0

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ހާއްސަކޮށް އުފައްދާފައިވާ ކޮމިޓީން މި މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި، ކަމާ ބެހޭ ފަރާތްތަކާ އެކު ވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ގޮތެއް ނިންމެވޭނީ އެ މަޝްވަރާތައް ނިމުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމައިގެ ސަބަބުން ސިނާއަތަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ދެ ޖަމިއްޔާއިން ވަނީ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ތެރެއިން ވެވެން ހުރި ހުރިހާ އެހީތެރިކަމެއް ދިނުމަށް ގޮވާލާފައެވެ.

ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާޗު މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި ބުކިންތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މާޗާއި އޭޕްރީލް މަހު ފަތުރުވެރިން ދަށްވިއިރު، ހިނގަމުންދާ މެއި މަހު ވެސް އެ ހަރަކާތް އިތުރަށް ދަށަށްދާނެ ކަމަށް ދެ ޖަމިއްޔާއިން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.