ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ދެވަނަ ބުރު އަންނަ ޖޫން މަހު ފައްޓަވަނީ

ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ދެވަނަ ބުރު އަންނަ ޖޫން މަހު ފައްޓަވަނީ

Author
އަހުމަދު
11 މެއި 2026 06:22
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާގެ ދެވަނަ ބުރު އަންނަ ޖޫން މަހު ފައްޓަވަން ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، ސީދާ އެމަނިކުފާނާ ހަމައަށް ނާންނަ ކަންކަން އޮޅުންފިލުއްވައި އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. މިފަހަރުގެ ބުރުގައި މާލޭގެ އަވަށްތަކަށް ޚާއްޞަކޮށްގެން، ވަގުތު ތަންދޭ މިންވަރަކުން ކޮންމެ ހަފުތާއަކުވެސް ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާ ފަދަ އެކި ޕްރޮފެޝަންތަކުގެ ބޭފުޅުންނާ ވަކިން ބައްދަލުކުރެއްވުމާއި، ރަށްރަށަށް ޒިޔާރަތްކުރެއްވުންވެސް މި ބުރުގައި ކުރިއަށްދާނެއެވެ.

މި ސިލްސިލާގެ ފުރަތަމަ ބުރުގައި ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ އެއް އަހަރާއި އެގާރަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަކަށާއި ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި އޭގެ ތެރެއިން 63 ރަށަކަށް ދެފަހަރަށް ވަޑައިގެން، ރައްޔިތުންގެ ޙާލުބައްލަވައި ދަތިވާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕީސީބީގެ އެންގުމާ އެއްގޮތަށް އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުން މަދުކުރުމާއި ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ސްޓްރީމްލައިން ކުރުމަށް ގެނެވޭ ބަދަލުތައް ހިމެނޭކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.