މިއަހަރުގެ ހުޅަނގު މޫސުން ރަސްމީކޮށް ރާއްޖެއަށް ފެށިއްޖެ

މިއަހަރުގެ ހުޅަނގު މޫސުން ރަސްމީކޮށް ރާއްޖެއަށް ފެށިއްޖެ

Author
އަހުމަދު
10 މެއި 2026 03:34
0

މިއަހަރުގެ ހުޅަނގު މޫސުން ރަސްމީކޮށް ރާއްޖެއަށް ފެށިއްޖެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) މިއަދު އިއުލާނުކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި، މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ވަނީ ހުޅަނގު މޫސުމުގެ އަސަރުކުރަން ފަށާފައެވެ. އާންމުގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނަށް މި މޫސުން ފެށޭއިރު، އޭގެ ފަހުން މެދުރާއްޖެތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މީލާދީ ކަލަންޑަރުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީން ފެށިގެން މާޗުގެ ނިޔަލަށް އޮންނަނީ އިރުވައި މޫސުމެވެ.

ހުޅަނގު މޫސުން ފެށުނުކަމަށް ކަނޑައަޅަނީ މެއި މަހުގެ އެއްވަނަ ދުވަހަށްފަހު، ދެކުނުގެ އަތޮޅުތަކުގައި ހުރި މޫސުން ބަލާ ސްޓޭޝަންތަކުގެ ތެރެއިން 60 އިންސައްތަ ސްޓޭޝަނަށް ދުވާލަކު 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ ގިނައިން ވާރޭވެހި، ވައިގެ މިސްރާބު ހުޅަނގުދެކުނާއި ހުޅަނގާ ދެމެދުގައި ހުރެ ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައިޖެހުން ވިދިވިދިގެން ދެ ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދެމިގެން ދިޔުމުންނެވެ.

ދެ މޫސުން ބަދަލުވާ ދުވަސްވަރަކީ އާންމުކޮށް ކަނޑުގަދަ އަދި ވިއްސާރަ ދުވަސްވަރަކަށް ވާއިރު، ކުރިއަށް އޮތް ދެތިން ދުވަހުވެސް ދެކުނާއި މެދު ރާއްޖެތެރޭގެ މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.