ކުދިންނަކީ އިސްލާމީ އުސޫލުތަކާއި ދިވެހި އާދަކާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި

ކުދިންނަކީ އިސްލާމީ އުސޫލުތަކާއި ދިވެހި އާދަކާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ރައީސް ގޮވާލައްވައިފި

Author
އަހުމަދު
10 މެއި 2026 03:32
0

ކުޑަކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް ލޯބިކުރާ، އަހުލާގު ރަނގަޅު ބަޔަކަށް ހެދުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ހިތާބުގައި ވިދާޅުވީ، މިއަދަކީ ކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ އަޒުމް އާކުރަންވީ މުހިންމު ދުވަސް ކަމަށެވެ. މާދަމާ ގައުމާ ހަވާލުވާން ތިބި ޒުވާނުންނަކީ މިއަދުގެ ކުޑަކުދިންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުދިން ބޮޑުވަމުން އަންނައިރު އާއިލާއާއި ސްކޫލްގެ ފަރާތުން އޯގާތެރިކަމާއި ލޯބި ދީ، ރަނގަޅު މަގު ދައްކައިދިނުމަކީ ކޮންމެ ބޮޑު މީހެއްގެ ޒިންމާއެއް ކަމަށެވެ.

ގައުމުގެ މުސްތަގުބަލު ކަމަށްވާ ކުޑަކުދިންނަށް ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ފަރުވާ ކަށަވަރުކޮށްދީ، އެކި ބާވަތުގެ ގޯނާތަކުން އެކުދިން ސަލާމަތްކޮށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކޮންމެ ކުއްޖަކީވެސް ސްކޫލް ނިޒާމުގެ ތެރެއިން ތައުލީމުގެ ފުރުސަތު ލިބިގެން ބޮޑުވާ ކުއްޖެއްކަން ސަރުކާރުން ކަށަވަރުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އޮންލައިން ދުނިޔޭގައި ކުދިންނަށް ކުރިމަތިވަމުންދާ އާ ނުރައްކާތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ. ތައުލީމާއި މުނިފޫހިފިލުވުމަށް ކުދިންނަށް ދެވޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ބައެއް ކުދިންނަށް ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައި، މިއީ ބެލެނިވެރިންނާއި މުދައްރިސުން އާ ވިސްނުންތަކަކުން ވިސްނައި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތުކަމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.