ދުނިޔޭގެ އެންމެ ބޮޑު ހާފް މެރެތަން ކަމަށްވާ 'ވަން ރަން އިންޓަނޭޝަނަލް ހާފް މެރެތަން' އަންނަ މެއި މަހުގެ 23 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
ވަން ރަން ގްލޯބަލްއިން އިންތިޒާމުކުރާ މި ބޮޑު ހަރަކާތް ރާއްޖޭގައި ކުރިއަށްގެންދަނީ ވީރަން މޯލްޑިވްސްއާ ގުޅިގެންނެވެ. ވީރަންއިން ބުނި ގޮތުގައި މި ތާރީހީ ދުވުން ރާއްޖެއަށް ގެނެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ. އަދި މި ދުވުމުގައި ބައިވެރިވުމަށް ހުރިހާ ދުވުންތެރިންނާއި އާންމުންނަށް އެ ކުންފުނިން ވަނީ ދައުވަތު ދީފައެވެ.
މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އޮންނާނީ 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ކެޓަގަރީއެވެ. ނަމަވެސް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން 10 ކިލޯމީޓަރާއި، ފަސް ކިލޯމީޓަރު އަދި ކުޑަކުދިންނަށް ހާއްސަ 1 ކިލޯމީޓަރުގެ ދުވުން ވެސް ކުރިއަށްދާނެއެވެ. މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވީރަން މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.
ވަން ރަން ގްލޯބަލްއަކީ 2017 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުގައި އެއް ފަހަރާ (ސިންކްރޮނައިޒްޑް ސްޓާޓް އަކުން) ފަށާ ގޮތަށް ކުރިއަށްގެންދާ ސިލްސިލާ ދުވުމެކެވެ. މިގޮތަށް ބޭއްވި ދުވުންތަކާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު މި ހަރަކާތަށް ވަނީ ދުނިޔޭގެ ރިކޯޑު ފޮތުން ވެސް ޖާގަ ލިބިފައެވެ. މިއަހަރުގެ ދުވުން ރާއްޖޭގެ އިތުރުން ދުނިޔޭގެ 35 އަށްވުރެ ގިނަ ގައުމެއްގައި އެއްވަގުތެއްގައި ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ