އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓެގަން) އިން، މީގެ ކުރިން ސިއްރުކޮށްފައިވާ ޔޫއެފްއޯ ނުވަތަ ގޮތްނޭނގޭ އުދުހޭ ތަކެއްޗާ ގުޅޭ ގިނަ ލިޔެކިޔުންތަކެއް އާއްމުކޮށްފިއެވެ.
އަލަށް އާއްމުކުރި މި މަޢުލޫމާތުތަކުގެ ތެރޭގައި 1972 ވަނަ އަހަރު ނާސާގެ އެޕޯލޯ 17 މިޝަންގެ ތެރެއިން ނަގާފައިވާ ޚާއްޞަ ފޮޓޯއެއް ހިމެނެއެވެ. މި ފޮޓޯއިން، ތިނެސްކަން ބައްޓަމަކަށް އެތުރިގެން އުދުހޭ ތިން ތިއްކެއް ފެންނަން ހުރެއެވެ. ޕެންޓެގަނުން ބުނާ ގޮތުގައި މިއީ ސީދާ ކޮން އެއްޗެއްކަން އަދި ނިންމާފައި ނުވި ނަމަވެސް، ފަހުގެ ހޯދުންތަކަށް ބަލާއިރު މިއީ ޖިސްމާނީ ސިފަތަކެއް އެކުލެވޭ އެއްޗެއްކަމަށް ބެލެވެއެވެ.
މި ލިޔެކިޔުންތައް އާއްމުކޮށްފައި މިވަނީ، ޔޫއެފްއޯއާ ގުޅޭ ޝައުޤުވެރި މަޢުލޫމާތުތަކެއް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނިކޮށެވެ. ޕެންޓެގަނުން ހާމަކުރާ ގޮތުގައި، މިކަމުގައި ޓްރަމްޕްގެ މައިގަނޑު އަމާޒަކީ އާއްމުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މިކަމާ މެދު ގޮތް ނިންމުން އާއްމުންނަށް ދޫކޮށްލާފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ލިޔުންތައް ބަހާލައިގެން އާއްމުކުރާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މިފަހަރު އާއްމުކުރި 161 ފައިލްގެ ތެރޭގައި އެފްބީއައި އާއި ޚާރިޖީ ވުޒާރާގެ ރަސްމީ ލިޔުންތަކާއި، ނާސާއިން އިންސާނުންނާއެކު ފޮނުވި ޖައްވީ އުޅަނދުތަކުގެ ޓްރާންސްކްރިޕްޓްތައް ހިމެނެއެވެ. މީގެ އިތުރުން، ޖަޕާނާއި ސޫރިޔާ ފަދަ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އަސްކަރީ ސެންސަރުތަކަށް ރެކޯޑުކުރެވިފައިވާ، އުޑުމަތިން ފެނުނު ގޮތްނޭނގޭ އުދުހޭ ތަކެތީގެ 20 އަށްވުރެ ގިނަ ވީޑިއޯވެސް މި ފައިލްތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ