ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

Author
އަހުމަދު
09 މެއި 2026 09:56
0

އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 4،114 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، މާލޭގައި ދެ ފޮށި އަދި ހިތަދޫގައި ފަސް ފޮއްޓާއެކު ޖުމްލަ ހަތް ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިންތިޚާބުގެ ވޯޓުނެގުމާއި ގުނުމުގެ ކަންކަން ހިނގާގޮތް ބެލުމަށް ކޮންމެ މަރުކަޒަކަށް ކެންޑިޑޭޓަކަށް އެއް މަންދޫބަކު ޢައްޔަންކުރެވޭނެއެވެ. މަންދޫބުންނަށްވުމަށް ކެންޑިޑޭޓުން އަމިއްލައަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭއިރު، މޮނިޓަރުން ފޯމު ހުށަހަޅަންޖެހޭނީ މީޑިއާތަކަށް ކަނޑައަޅާ ޑޭޓާ ލިއޭޒަނެއް މެދުވެރިކޮށް މައި ޕޯޓަލުންނެވެ. މީގެ އިތުރުން، އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުން ސިމެދަ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަންޖެހޭއިރު، އަމިއްލަ ފަރާތްތަކާއި ޖަމުޢިއްޔާތަކުން ފޯމު ހުށަހަޅާނީ މައި ޕޯޓަލް އިންނެވެ.

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުން ނުދާ ދިވެހިންނަށް ވާންޖެހެއެވެ. އަދި އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް ކޮމިޝަނާ ހަވާލުވެފައިވާ މީހަކަށް ނުވުމާއި، ފާއިތުވި ފަސް އަހަރު ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައި ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، މަންދޫބުންނަށް ވުމަށް ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި، ސަލާމަތީ ބާރުތަކުގެ މީހުންނަށް ކުރިމައްޗެއް ނުލެވޭނެއެވެ.

މޮނިޓަރުންނަށް ވެވޭނީ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާ ނުވަތަ ބްރޯޑްކާސްޓިންގ މީޑިއާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި އަމިއްލަ ގޮތުން ނުވަތަ ޖަމާޢަތަކުން އޮބްޒާވަރަކަށްވާނަމަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި އެމީހެއްގެ ނަން އޮވެގެން ނުވާނެއެވެ. މި ހުރިހާ ފަރާތްތަކުންވެސް އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވާން ޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.