ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް މިހާރުވެސް ދަނީ ވައި ގަދަވަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްއަކާ ގުޅިގެން ގިނަ އަދަދަކަށް ބޯވިއްސާރަވިލާ އުފެދެމުންދާއިރު، މިއާއެކު ރާއްޖެއަށް ހުޅަނގު މޫސުން ފެށުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރެއަށް ގަދަވައިލުމާއެކު ބޯކޮށް ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ.
މިގޮތަށް މޫސުން ގޯސްވުމާ ގުޅިގެން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ސަލާމަތީ ފިޔަވަޅުތައް ކަށަވަރުކުރުމަށް މެޓް އޮފީހާއި ޤައުމީ ދިފާޢީ ބާރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުމަތީގެ އެހެނިހެން ދަތުރުތައް މި ދުވަސްވަރު ނުކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ