ޕާސްޕޯޓު ބުކްލެޓްގެ ސްޓޮކް މަދުވުމާ ގުޅިގެން، އާންމުކޮށް ދޫކުރާ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މޯލްޑިވްސް އިމިގްރޭޝަނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު ގެންނަން ޖެހުނީ "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރަން ބޭނުންކުރާ ބުކްލެޓް ރާއްޖެ ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެންނެވެ. އެހެންކަމުން، ސްޓޮކް މެނޭޖްކުރުމަށްޓަކައި މާދަމާއިން ފެށިގެން އާންމު ޕާސްޕޯޓަށް އެދޭ ހުރިހާ ފަރާތްތަކަށްވެސް ދޫކުރަމުން ގެންދާނީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިގޮތަށް ދޫކުރާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އާންމު އިލެކްޓްރޯނިކް ޕާސްޕޯޓެއްގެ ފީއަކީ 1,000 ރުފިޔާ ނަމަވެސް، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދައިދޭނީ 600 ރުފިޔާއަށެވެ.
މީގެ އިތުރުން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މި ދަނޑިވަޅުގައި ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދާ ފަރާތްތަކުން އެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ، އާންމުކޮށް ނަގާ "ކެންސަލޭޝަން ފީ" ނުނަގާ ގޮތަށް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. މި ކުއްލި ބަދަލާ ގުޅިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ އިދާރާއިން ވަނީ މާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ