ހަންޓާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެފި

ހަންޓާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ކުޑަ ކަމަށް އެޗްޕީއޭ އިން ބުނެފި

Author
އަހުމަދު
08 މެއި 2026 11:38
0

ދެކުނު އެމެރިކާގައި ދަތުރުކުރި ކްރޫޒް ލައިނާއަކުން ފެނުނު ނުރައްކާތެރި ހަންޓާވައިރަސް ރާއްޖެއަށް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ނެދަލޭންޑްސްގެ "އެމްވީ ހޮންޑިއަސް" ކްރޫޒް ލައިނާއިން މި ވައިރަސް ފެނުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ މިކަން ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އޭޕްރީލް 1 ވަނަ ދުވަހު އާޖެންޓީނާއިން ފުރައިގެން އެންޓާކްޓިކާ އަދި ސެއިންޓް ހެލީނާ ސަރަހައްދަށް ދަތުރުކުރި މި ބޯޓުގައި ތިބި 147 މީހުންގެ ތެރެއިން 8 މީހަކަށް މި ބަލި ޖެހި، 3 މީހަކު ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން އެޗްޕީއޭއިން ވެސް ހާލަތު ބަލަމުންދާއިރު، މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ފެނިފައި ނުވާކަމަށާއި، ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓުވި މީހަކުވެސް ފާހަގަކުރެވިފައި ނުވާކަމަށް އެ އިދާރާއިން ކަށަވަރުކޮށްދެއެވެ.

ހަންޓާވައިރަސް އަކީ އާންމުކޮށް މީދާ ފަދަ ޖަނަވާރުގެ ނަޖިހާއި ކުޅުން އިންސާނުންނަށް އަރާ ވައިރަހެކެވެ. ނަމަވެސް ކްރޫޒް ލައިނާއިން ފެނިފައިވަނީ އިންސާނުންގެ ގަޔަށް އެރުމަށްފަހު އެކަކު އަނެކަކުގެ ގަޔަށް އެރުމުގެ ފުރުސަތު ކުޑަކޮށް ނަމަވެސް އޮންނަ "އެންޑީސް" ސްޓްރެއިންއެވެ. އެއް ހަފްތާއާއި އަށް ހަފްތާއާ ދެމެދު އަލާމާތްތައް ފެންނަ މި ބަލީގެ ނިޝާންތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގައާއި ގައިގައި ރިއްސުމުގެ އިތުރުން ބޭރަށް ހިންގުން ހިމެނެއެވެ. އަދި ހާލަތު ގޯސްވެއްޖެނަމަ ފުއްޕާމެޔަށް ފެން އެޅުން ފަދަ ނުރައްކާތެރި ކަންކަން މެދުވެރިވެއެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވި ގޮތުގައި މިއީ ސީރިއަސް ހާދިސާއެއް ނަމަވެސް، ކޮވިޑް ނުވަތަ އިންފްލުއެންޒާ ފަދަ ފަސޭހައިން ފެތުރޭ ބައްޔެއް ނޫންކަމުން، އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑައެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ޑަބްލިއުއެޗްއޯއިން ވަނީ ބޯޓަށް ތަޖުރިބާކާރުން ފޮނުވައި، ޓެސްޓުކުރުމަށް ބޭނުންވާ 2500 ކިޓު ފަސް ގައުމެއްގެ ލެބޯޓަރީތަކަށް ފޮނުވާފައެވެ. ސިއްހީ މާހިރުން ލަފާކުރައްވާ ގޮތުގައި ވައިގެ ތެރެއިން މި ބަލި ފަސޭހައިން ނުފެތުރޭތީއާއި، ބަލި ފެތުރޭ މާހައުލު ރާއްޖޭގައި ނެތުމުން ރާއްޖެއަށް އޮތް ރިސްކު ވަރަށް ކުޑައެވެ. އެހެންނަމަވެސް، ދަތުރުފަތުރުގެ ތެރެއިން ދިމާވެދާނެ ކުއްލި ހާލަތަކަށް އެޗްޕީއޭއިން ދަނީ ތައްޔާރުވަމުންނެވެ. އަދި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ލިބޭ އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.