މަލްޓި މިލިއަން ޑޮލަރުގެ އެއާބަސް ކޮރަޕްޝަން މައްސަލައިގައި ތުހުމަތުކުރެވޭ ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލަ ޗަންދްރަސޭނާ އޭނާގެ ގޭގައި ދަންޖެހި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ލަންކާ ފުލުހުންގެ ތަރުޖަމާނު އޭ.އެސް.ޕީ އެފް.ޔޫ. ވޫޓްލާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮއްލުޕިޓިޔާގައި ހުންނަ އޭނާގެ ގޭތެރެއިން ޗަންދްރަސޭނާގެ ހަށިގަނޑު ފެނުނީ ދަންޖެހިފައި ހުއްޓައެވެ. މި މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޗަންދްރަސޭނާ މަރުވެފައި މިވަނީ، އޭނާ ދޫކޮށްލާފައި ހުރި ކަފާލާތުގެ ޝަރުތުތަކާ ހިލާފުވި ކަމަށް ބުނެ އަލުން ހައްޔަރުކުރުމަށް ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނިކޮށެވެ. ރިޝްވަތުގެ ތުހުމަތުގައި މިދިޔަ މާޗު މަހު އޭނާ ހައްޔަރުކުރުމަށްފަހު، ކަފާލާތުގެ ދަށުން ހުރީ ދޫކޮށްލާފައެވެ. ނަމަވެސް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޮރަޕްޝަން ތަހުގީގުކުރާ ކޮމިޝަނުން އޮތީ ކޯޓުގައި އެދިފައެވެ.
ޗަންދްރަސޭނާގެ މައްޗަށް ތުހުމަތުކުރެވެނީ 2013 ވަނަ އަހަރު ސްރީލަންކަން އެއާލައިންސަށް 10 ބޯޓު ގަތުމަށް އެއާބަސް ކުންފުންޏާއެކު ހެދި 2.3 ބިލިއަން ޑޮލަރުގެ މުއާމަލާތުން 16 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގުމަށް އެއްބަސްވުމަށެވެ. ލަންކާގެ ކޮރަޕްޝަން ތަހުގީގުކުރާ ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި އޭގެ ތެރެއިން 1.45 މިލިއަން ޔޫރޯ ވަނީ އޭނާގެ އަންހެނުންގެ ނަމުގައި ބްރޫނާއީގައި އުފައްދާފައިވާ ޝެލް ކުންފުންޏެއް މެދުވެރިކޮށް ސިންގަޕޫރުގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައެވެ.
މި މައްސަލައަކީ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން އެއާބަސް ކުންފުނީގެ ވިޔަފާރި ޑީލްތަކާ ގުޅޭގޮތުން ހިންގި ބޮޑު ތަހުގީގަކާ ގުޅިފައިވާ މައްސަލައެކެވެ. ރިޝްވަތު ދީގެން ވިޔަފާރި ހޯދިކަން ސާބިތުވެ، 2020 ވަނަ އަހަރު ފްރާންސްގެ ކޯޓަކުން ވަނީ އެއާބަސް ކުންފުނި 3.6 ބިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. ޗަންދްރަސޭނާ ސީއީއޯކަމުގައި ހުންނެވި ސްރީލަންކަން އެއާލައިންސަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާއިރު، މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުނީގެ ގެއްލުން ވަނީ 1.9 ބިލިއަން ޑޮލަރަށް އަރާފައެވެ. އަދި އެ ކުންފުނި ވިއްކާލަން ކުރި މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ.
ކޮމެންޓު ފޮނުވާ