މިއަހަރުވެސް ތެލެސީމިއާ 4 ކުދިން އުފަންވުން, މިއީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހޭ ކަމެއް: ޙަލީމް

މިއަހަރުވެސް ތެލެސީމިއާ 4 ކުދިން އުފަންވުން, މިއީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހޭ ކަމެއް: ޙަލީމް

Author
އަހުމަދު
08 މެއި 2026 02:28
0

މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ތެލެސީމިއާ 4 ކުދިން އުފަންވެފައިވުމަކީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހޭ ކަމެއްކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ޙަލީމް ވަނީ، ތެލެސީމިއާ ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން 25 މޭ 2025 ގައި ލޭއަޅާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދަލުކުރެވިގެން ދިއުމަކީ ޚިދުމަތުގެ ފެންވަރު މަތިވެގެންދިޔަ މުހިންމު ފިޔަވަޅެއްކަމާއި، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހުޅުވި "ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރ" ގެ ސަބަބުން މުޅި ރާއްޖޭގައި ތިބި ކުދިންގެ ޞިއްޙީ ޙާލަތު ގާތުން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެލެސީމިއާ ކުދިންނަށް ޚާއްޞަ އެލަވަންސެއް ދޭން ފެށުމަކީ އާއިލާތަކަށް މާލީގޮތުންނާއި ނަފްސާނީގޮތުން ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެއްކަމަށް ޙަލީމް ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށްވެސް 4 ކުދިން މި ބައްޔާއެކު އުފަންވެފައިވާކަން ތަފާސްހިސާބުތަކުން ދައްކާތީ، ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާކަން އޭނާ ހާމަކުރެއްވިއެވެ. އެގޮތުން، ކައިވެނީގެ ކުރިން ދެވޭ ކައުންސެލިންގ ހިމެނޭހެން ޚާއްޞަ ނިޒާމެއް މިއަހަރު ތަޢާރަފުކުރާނެކަން ފާހަގަކުރައްވަމުން، އަންނަން އޮތް ޖީލުތައް މި ބަލިން ސަލާމަތްކުރުމަށް ކައިވެނީގެ ކުރިން ޓެސްޓުކުރުމަށާއި ޞިއްޙީ އިރުޝާދުތަކަށް ބޯލެނބުމަށް ޙަލީމް ވަނީ މުޅި މުޖުތަމަޢުއަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.