ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ވޯޓުލާ ތަން ބަދަލުކުރުމަށް، ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މެންބަރުންނަށް މި މަހުގެ 22 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އޮންލައިންކޮށް ގޫގުލް ފޯމެއް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ. ޕާޓީގެ ދަފްތަރުގައި މިހާރު ވޯޓުލާ މަރުކަޒުތައް ކަނޑައަޅާފައިވަނީ އެންމެ ފަހުން އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މެންބަރުން ވޯޓުލީ ތަނަށް ބިނާކޮށެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުހިންމު އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން އިބްރާހީމް މުހައްމަދު (ވާޑު) އެވެ. މި އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށްދާއިރު، ހާއްސަކޮށް ރައީސް ނަޝީދާއި މީކާއީލްއާ ދެމެދު އޮތް ވާދަވެރިކަން ވަރަށް ބޮޑަށް ވަނީ ފެންމަތިވެފައެވެ.
ކޮމެންޓު ފޮނުވާ