ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި، އައު އުންމީދަކާއެކު މަސައްކަތް ފެށުމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.
އަބްދުއްރަޙީމް މިކަމަށް ގޮވާލެއްވީ، ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އއ. ހިމަންދޫން ސަރުކާރު ހިންގާ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވޭތުވެދިޔަ 18 ވަރަކަށް އަހަރު އެރަށުގައި އޮތް އެހެން ފިކުރުތައް ބަލިކޮށް، 6-0 ގެ ނަތީޖާއަކުން ޕީއެންސީން ހޯދި މި ކާމިޔާބީއަކީ ވަރަށް ފަޚުރުވެރި ބަދަލެއްކަން ފާހަގަކުރައްވައި، އޭނާ ވަނީ ހިމަންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
މިއީ މާޔޫސްވާންވީ ވަގުތު ނޫންކަމަށާއި، މިއީ ހިތްވަރާއެކު ނުކުމެ 2028 ގެ ކާމިޔާބީއަށް އަމާޒުހިފައި ކަމަރުބަންނަންވީ ވަގުތުކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މަގުމަތިންނާއި ކަންކަންމަތިން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. ޕީއެންސީގެ ފިކުރަކީ ޤައުމީ ތަރައްޤީއާއި، އެއްބައިވަންތަކަމާއި ސުލްހަމަސްލަހަތުގެ ފިކުރުކަމަށް ވިދާޅުވަމުން، އިދިކޮޅުގެ ފާޑުކިޔުންތަކަށް ސަރުކާރުން ރައްދުދޭނީ އަމަލާއި ބަހުން ނަތީޖާ ނެރެދީގެންކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރެވުނު ތަފާތު ވެރިކަންތަކަށް އަލިއަޅުއްވާލައްވަމުން، އެމްޑީޕީގެ ދެ ވެރިކަމާއި މިހާރުގެ ސަރުކާރާ އަޅާކިޔައިފިނަމަ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ތަފާތު ވަރަށް ސާފުކޮށް ފެންނާނެކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. ޕީއެންސީއަކީ ވޯޓުން ބަލިވުމުން ކޯޓުތަކަށް ގޮސްގެން ނަތީޖާ ނެރޭ ބައެއް ނޫންކަމަށާއި، އެއީ ރައްޔިތުންގެ ނިންމުންތައް ބަލައިގަނެ އެއަށް އިޙުތިރާމްކުރާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައީސް މުޢިއްޒު ސަރުކާރުގެ ތެރެއިން ބަދަލުތައް ގެންނަވަމުންދާކަން ފާހަގަކުރައްވައި، ޤައުމު ހަލަބޮލިކުރަން އިތުރު ޖާގައެއް ނުދީ 2028 ވަނަ އަހަރުގެ ކާމިޔާބީއަށް ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ވުމަށް އަބްދުއްރަޙީމް ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ