ޙައްޖުވެރިން ސިއްޙަތަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޙައްޖުވެރިން ސިއްޙަތަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Author
އަހުމަދު
07 މެއި 2026 09:07
0

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ފުރާ މީހުން ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ދަތުރަށް ފެށުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕޯލިއޯ، މެނިންޖައިޓިސް، އަދި އިންފްލުއެންޒާ ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. ވެކްސިން ޖެހުމަށްފަހު ހަށިގަނޑުގެ ދިފާއީ ބާރު އުފެދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާތީ، ފުރުމުގެ ދެ ހަފްތާ ކުރިން ވެކްސިން ފުރިހަމަކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މީގެ އިތުރުން، އުޅޭ ކޮޓަރިއާއި ފާހާނާ ސާފުތާހިރުކޮށް ބެހެއްޓުމަށާއި، މީހުން ގިނައިން އުޅޭ ތަންތަނުގައި މާސްކު އެޅުމަށް ވަނީ އަންގާފައެވެ. އަދި ކާތަކެތި ތައްޔާރުކުރުމާއި ކެއުމުގެ ކުރިން، އަދި ފާހާނާ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ބޭރުގައި އުޅޭއިރު އަތް ސާފުކުރުމަށް ސެނިޓައިޒަރ ގެންގުޅުމަށްވެސް ވަނީ އިރުޝާދުދީފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމުގައި އުޅޭއިރު ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ގިނައިން ފެނާއި ދިޔާ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ނަސޭހަތްތެރިވެއެވެ. ނަމަވެސް، ފިޒީ ޑްރިންކްސް އާއި އެނާޖީ ޑްރިންކްސްގެ އިތުރުން ހަކުރު ގިނައިން އެކުލެވޭ ބުއިންތަކާ ދުރުވުމަށް ވަނީ އެދިފައެވެ. އަދި ބިންގަނޑު ހޫނުވުމުގެ ސަބަބުން ފަޔަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ފަސޭހަ ފައިވާނަކަށް އަރައިގެން އުޅުމަށްވެސް ވަނީ އަންގާފައެވެ. ހަމައެއާއެކު، ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތްތަކުން ގަވާއިދުން ބޭސް ކެއުމަށާއި، ފަހުގެ މެޑިކަލް ރިޕޯޓުތަކާއި ބޭސް ސިޓީތައް ދަތުރުގައި އަތުގައި ބެހެއްޓުމަށް އެ އިދާރާއިން ވަނީ ޚާއްޞަ ގޮތެއްގައި އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.