މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލަނީ

މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލަނީ

Author
އަހުމަދު
07 މެއި 2026 03:06
0

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ "މީޑިއާ ވިލެޖު" ގެ ހުރިހާ މަސައްކަތެއް އަންނަ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ޕްރޮޖެކްޓާ ހަވާލުވެހުރި މިނިސްޓްރީ ބަދަލުވި ނަމަވެސް، މަސައްކަތުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާ ކަމަށެވެ. ކޮންޓްރެކްޓަރުންނާ ހަވާލާދެއްވައި އޭނާ ވިދާޅުވީ، މިހާރުވެސް މަސައްކަތުގެ ބޮޑުބައި ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެންމެ ލަސްވެގެން ޖޫން މަހުގެ ނިޔަލަށް އިމާރާތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޖުމްލަ 34 ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މީޑިއާ ވިލެޖަކީ، ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މިތަން ހުޅުވުމާއެކު، އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި ބޮޑު ކުލި ދައްކައިގެން އޮފީސްތަކާއި ސްޓޫޑިއޯތައް ހިންގަން މަޖުބޫރުވެފައިވާ މީޑިއާތަކަށް ވަރަށް ކުޑަ އަގެއްގައި ޖާގަ ކުއްޔަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން މީޑިއާތަކަށް ލިބޭ އާމްދަނީ، އެ ތަންތަނުގެ ތަރައްގީއަށާއި ކުރިއެރުމަށް އިންވެސްޓް ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.