އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދާ ކްރޫޒް ޝިޕް "އެމްވީ ހޮންޑިއުސް" ގައި ހަންޓަ ވައިރަސް ފެތުރި ތިން މީހަކު މަރުވެފައި ވަނިކޮށް، ބޯޓުގެ ޑޮކްޓަރަށް ބަލިޖެހި އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެއްޖެއެވެ.
ސްޕެއިންގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދޭގޮތުގައި، ނެދަލެންޑްސްއަށް ނިސްބަތްވާ މި ޑޮކްޓަރަށް ވައިރަސް ޖެހުނީ ބަލިމީހުންނަށް ފަރުވާދެމުން ދަނިކޮށެވެ. އޭނާ ސަލާމަތްކުރުމަށް ނެދަލެންޑްސް ސަރުކާރުން ޚާއްޞަ މެޑިކަލް ފްލައިޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، ޑޮކްޓަރު ބަލިވުމާ ގުޅިގެން މިހާރު އެ ބޯޓުގައި ޞިއްޙީ ފަރުވާދޭނެ އެއްވެސް މީހަކު ނެތެވެ.
ކޭޕް ވާޑެ ބަނދަރު ކައިރީގައި ތާށިވެފައި އޮތް މި ބޯޓުގައި ތިބި 147 މީހުންނަށް އެކަށީގެންވާ ފަރުވާދެވޭނެ ވަސީލަތްތައް އެ ޤައުމުގައި ނެތްކަމަށް ޑަބްލިއުއެޗްއޯއިން އެންގުމާ ގުޅިގެން، ސްޕެއިން ސަރުކާރުން މިހާރު ވަނީ އެ ޤައުމުގެ ކެނެރީ އައިލެންޑްސްގައި ބޯޓު ބަނދަރުކުރުމުގެ ހުއްދަ ދީފައެވެ. ސްޕެއިން ސަރުކާރުން ބުނެފައިވަނީ އެ މީހުންނަށް އެހީތެރިވުމަކީ ޤާނޫނީ ޒިންމާއެއް ކަމަށާއި، އޭގެ ތެރޭގައި ސްޕެއިންގެ ރައްޔިތުންވެސް ހިމެނޭ ކަމަށެވެ.
ހާލު ސީރިއަސް ބަލިމީހުން އިވެކުއޭޓް ކުރުމަށްފަހު، ގްރެން ކެނެރިއާ ނުވަތަ ޓެނެރީފެއަށް ބޯޓު ފޯރާނީ ތިން ދުވަހުގެ ދަތުރަކަށް ފަހުގައެވެ. ބޯޓު ބަނދަރުކުރުމާއެކު، ޢާންމުންނާ ކޮންޓެކްޓް ނުވާނެހެން ޚާއްޞަ ވެހިކަލްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ހުރިހާ އެންމެން ޗެކްކޮށް ފަރުވާ ދިނުމަށްފަހު އެމީހެއްގެ ޤައުމަކަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.
ބަލިމީހުންނަށް ފަރުވާދިން ޑޮކްޓަރަށް ބަލިޖެހުމަކީ އިންސާނުންގެ ތެރޭގައި އެކަކު އަނެކަކުގެ ގަޔަށް މި ވައިރަސް އަރާކަމުގެ ހެއްކެއްކަމަށް ޑަބްލިއުއެޗްއޯއިން ލަފާކުރެއެވެ. މިހާތަނަށް ހަތް ކޭހެއް ފެނިފައިވާއިރު، އޭގެ ތެރެއިން ދެ ކޭސް ވަނީ ކަށަވަރުވެފައެވެ. އަދި މީގެ ކުރިން ނެދަލެންޑްސްގެ ދެމަފިރިންނާއި ޖަރުމަނު މީހަކު ވަނީ މި ބޯޓުގައި ބަލިޖެހިގެން މަރުވެފައެވެ.
ކޮމެންޓު ފޮނުވާ